އެއާ އެކު، ކޮމިޓީން ނިންމި ގޮތަށް، ދިޔާނާއަށް ރުހުން ދޭން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމް އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ދިޔާނާގެ ނަން މަޖިލީހަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ހާރިޖީ ކޮމިޓީން ނިންމާފައިވަނީ ދިޔާނާއަށް ރުހުން ދޭން ފެންނަ ކަމަށެވެ.
އެއާ އެކު، ކޮމިޓީން ނިންމި ގޮތަށް، ދިޔާނާއަށް ރުހުން ދޭން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.
ދިޔާނާ އަކީ ސާކް އުފެދުނު ފަހުން އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުރަތަމަ އެޓާނީ ޖެނަރަލްގެ މަގާމާއި ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުގެ މަގާމް ވެސް އަދާ ކުރެއްވި އެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވި ނަމަވެސް މި ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަން ނެގި ރެފަރަންޑަމްގެ ކެމްޕެއިންގެ ތެރޭގައި ސަރުކާރުގެ ސްޓޭންޑް ދިފާއު ކުރުމުގައި އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ދިޔާނާ މަސައްކަތް ކުރެއްވި އެވެ.
އޭގެ ފަހުން އޭނާ ވަނީ އެމްބަސިޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.