މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ޒިޔާދަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންނެވުމަށްފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް އެންމެ ފަހުން ވަނީ ޒިޔާދުގެ ނަން އިއްވައި، ތަޅުމުން ނެރެފަ އެވެ.

ވެމްކޯގެ ތިލަފުށީ ސައިޓުގައި އަލިފާން ރޯވެ އަނދައިގެންދިޔަ ކުނިތައް ހދ. ކުނބުރުދޫއަށް ބަދަލުކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދުގެ ނަން އިއްވައި، ތަޅުމުން ނެރެފި އެވެ.
މާލެ ސަރަހައްދުގެ ކުނި އުކާލާ ތިލަފުށީގައި ޖުލައި 19 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސައިޓަށް ބޮޑެތި ގެއްލުންތަކެއް ލިބި ކުނި ބަލައިގަންނަ މިންވަރު ވަނީ ދަށްކޮށްފަ އެވެ. އަދި އަނދާފައިވާ ކުނިތައް ކުނބުރުދޫގައި ހުންނަ ވޭސްޓް މެނޭޖުމަންޓު ފެސިލިޓީއަށް ގެންދާކަން ވެމްކޯއިން ވަނީ ހާމަކޮށްފަ އެވެ.
އެ މައްސަލައިގައި ޒިޔާދު ވަނީ މިއަދުގެ ޖަލްސާއެއް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، އެ މައްސަލަ ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުން ބޭރުކޮށްލައިފަ އެވެ.
އެއަށްފަހު ކުރިއަށްގެންދިޔަ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވެސް ޒިޔާދު ވަނީ އެ މައްސަލައަށް ފުރުސަތު ނުދިނުމުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ވެމްކޯއިން އެގޮތަށް އަމަލުކުރުމުން އުތުރުގެ ރަށްތަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.
އޭގެފަހުން، ޒިޔާދު ވަނީ ރިޔާސަތުގެ ކައިރިއަށް ވަޑައިގެން، އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައި، އިހުތިޖާޖު ކުރައްވައިފަ އެވެ.
މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ޒިޔާދަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންނެވުމަށްފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް އެންމެ ފަހުން ވަނީ ޒިޔާދުގެ ނަން އިއްވައި، ތަޅުމުން ނެރެފަ އެވެ.