މި މައްސަލައިގައި ހދ.ގެ ބައެއް ރަށްތަކުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށް، އެކަން ނުކުރުމަށް ވެމްކޯއަށް ގޮވާލައިފަ އެވެ.

ވެމްކޯގެ ތިލަފުށީ ސައިޓުގައި އަލިފާން ރޯވެ އަނދައިގެންދިޔަ ކުނިތައް ހދ. ކުނބުރުދޫއަށް ބަދަލުކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި މި މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް އެންމެ ހަތް މެންބަރުން ވޯޓު ދެއްވިއިރު، މައްސަލަ ބޭރުކޮށްލީ 27 މެންބަރުންގެ ވޯޓުންނެވެ.
މާލެ ސަރަހައްދުގެ ކުނި އުކާލާ ތިލަފުށީގައި ޖުލައި 19 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސައިޓަށް ބޮޑެތި ގެއްލުންތަކެއް ލިބި ކުނި ބަލައިގަންނަ މިންވަރު ވަނީ ދަށްކޮށްފަ އެވެ. އަދި އަނދާފައިވާ ކުނިތައް ކުނބުރުދޫގައި ހުންނަ ވޭސްޓް މެނޭޖުމަންޓު ފެސިލިޓީއަށް ގެންދާކަން ވެމްކޯއިން ވަނީ ހާމަކޮށްފަ އެވެ.
ޒިޔާދު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކުނބުރުދޫ ފެސިލިޓީގެ މަސައްކަތްތައް އަދި ނުނިމޭއިރު، އެ ކުނިތަކުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ދަނޑުވެރިކަމަށާއި ގަސްގަހާގެއްސަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
މީގެއިތުރުން، މިއީ އާންމުންގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައިވެސް އޭނާ ވަނީ ސިފަކޮށްފައިވެ އެވެ.
މި މައްސަލައިގައި ހދ.ގެ ބައެއް ރަށްތަކުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށް، އެކަން ނުކުރުމަށް ވެމްކޯއަށް ގޮވާލައިފަ އެވެ.