ހާރިސްއަކީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި، މާކެޓިންގ، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ސަރުކާރުން ޓޫރިޒަމްގެ ތެރެއަށް ވަންނަން ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް މުހައްމަދު އައްޔަންކޮށްފި އެވެ.
ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި ހާރިސްއަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ހާރިސްގެ ތަޖުރިބާ - ހާރިސް މުހައްމަދަކީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި، މާކެޓިންގ، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ، މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ. އޭނާގެ ވަޒީފާގެ ޙަޔާތުގައި އަދާކުރައްވާފައިވާ އިސް މަޤާމުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ގެ އެކްޓިން މެނޭޖިން ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ. ތަޢުލީމީ ގޮތުން ބަލާއިރު، ހާރިސް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިން އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް ގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ފަރާތެކެވެ.
އެމްޓީޑީސީގެ އެމްޑީގެ މަގާމަށް ހާރިސް އައްޔަން ކުރިއިރު، ކުރިން އެ މަގާމުގައި ހުންނެވި ނިޔާޒު މުހައްމަދު ވަނީ މިދިޔަ ހަފުތާގައި އެ މަގާމުން ދުރުކޮށްފަ އެވެ. މަގާމުން ދުރުކުރި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް އެމްޓީސީއަށް އާމްދަނީ ލިބޭ އެ ކުންފުނިން ކުއްޔަށް ދީފައިވާ އަޔާދާ މޯލްޑިވްސް ހިންގާ ރަށުގެ ހެޑްލީސްގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.