ފެނަކަ އައްޑޫ ބްރާންޗުގެ ކުރީގެ ވެރިންގެ ނުހައްގު މުއްސަނދިކަން ބަލަން މަޖިލީހުން ފުލުހުގައި އެދިއްޖެ

ފައިސާއަށް ހިޔާނާތްތެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހެޅުމާއި، ކުރީގެ ވެރިންނާއި އާއިލާގެ އެކައުންޓްތަކަށް މުސާރައާ ނުބައްދަލު ފައިސާ ޖަމާވެފައިވޭތޯ ތަހުގީގުކުރުން ހިމެނޭ

ފެނަކަ އައްޑޫ ބްރާންޗުގެ އިންޖީނުގޭގައި މުވައްޒަފުން މަސައްކަތް ކުރަނީ --

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި ހަތަރު ޕްރޮޖެކްޓެއްގައި މަނީ ލޯންޑަރިންއާއި ބޮޑެތި ޚިޔާނާތްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ ބްރާންޗުގެ ކުރީގެ ވެރިންނާއި އެފަރާތްތަކުގެ އާއިލީ މެންބަރުން ނުހައްގުން މުއްސަނދިވެފައިވޭތޯ ބެލުމަށް ވަކި ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް އަންގައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 2021 އިން 2023 އަށް ހިންގި މި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ. 

މި ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީ ރިޕޯޓުގައިވާ މުހިންމު ހުށަހެޅުންތަކުގެ ތެރޭގައި ފައިސާއަށް ހިޔާނާތްތެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހެޅުމާއި، ކުރީގެ ވެރިންނާއި އާއިލާގެ އެކައުންޓްތަކަށް މުސާރައާ ނުބައްދަލު ފައިސާ ޖަމާވެފައިވޭތޯ ފުލުހުން ތަހުގީގުކުރުން ހިމެނެ އެވެ.

މީގެ އިތުރުން، އޭސީސީން ކުރަމުންދާ ތަހުގީގުތައް އަވަސްކުރުމަށް އެންގުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން އެދުމާއި، ފެނަކައަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ކުންފުނީގެ އާ އޮނިގަނޑު މަޖިލީހަށް ހުށަހަޅަން ވެސް އެ ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.

އެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ ހަތަރު ޕްރޮޖެކްޓުން ކުރެ އެއްވެސް މަސައްކަތެއް ނުނިމޭއިރު، މިދިޔަ އަހަރުގެ ނިޔަލަށް 117 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި މަސައްކަތް ނިންމަން އިތުރު 68 މިލިއަން ރުފިޔާ ބޭނުންވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެއިތުރުން، އަގުބޮޑުކޮށް މުދާ ގަތުމާއި، ބޮޑު އަގުގައި ތަކެތި ކުއްޔަށް ނެގުމަށްފަހު ބޭނުންނުކޮށް ބެހެއްޓުން ފަދަ ގިނަ މައްސަލަތަކެއް އޮޑިޓުން ވަނީ ފާހަގަވެފަ އެވެ. 

އަދި އުސޫލުތަކާ ހިލާފަށް، މަސައްކަތް ފެށުމަށް ބޭނުންވި 85 މުވައްޒަފުންގެ އިތުރުން 273 މުވައްޒަފުން އިތުރަށް ނަގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.