އޮސްޓްރޭލިއާގެ "އޮސްޓަލް ލިމިޓެޑް"އިން ފަރުމާކޮށް ބަނދެފައިވާ މުޅިން އާ މި މަނަވަރަކީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެކަށޭނެ އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭގޮތަށް ބަނދެވިފައިވާ އުޅަނދެކެވެ.

އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރުރި ނޭވީ މަނަވަރު، ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކަނޑުގެ ހިދުމަތަށް ނެރެ، ރަސްމީކޮށް ކޮމިޝަންކޮށްފި އެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަނަވަރު ކޮމިޝަންކޮށްދެއްވައި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަލަށް ހިދުމަތަށް ނެރުނު މަނަވަރަށް ދީފައިވާ ނަމަކީ "އިމާދުއްދީން" އެވެ. މި ނަމަކީ އުތީމު ދަރިކޮޅުގެ އައްސުލްތާން މުހައްމަދު އިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (ކަޅުތުއްކަލާ / ބޮޑު ރަސްގެފާނު) އަށް ނިސްބަތްކޮށް ދީފައިވާ ނަމެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޮސްޓްރޭލިއާގެ "އޮސްޓަލް ލިމިޓެޑް"އިން ފަރުމާކޮށް ބަނދެފައިވާ މުޅިން އާ މި މަނަވަރަކީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެކަށޭނެ އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭގޮތަށް ބަނދެވިފައިވާ އުޅަނދެކެވެ.
މަނަވަރު ހިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި، މަނަވަރުގެ ނަން ކަޝްފުކޮށްދެއްވުމަށްފަހު، ހިދުމަތް ފެށުމުގެ ލިޔުމާއި އަދި ގައުމީ ދިދަ، މަނަވަރުގެ ކޮމާންޑިން އޮފިސަރު، ލެފްޓިނެންޓް ކާނަލް ޝިނާން ޒާހިރުއާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ. އެއަށްފަހު މަނަވަރުގެ އޮފިސަރުންނާއި ކަލާސީން ވަނީ ކޮމިޝަނިން ޑްރިލެއް ކުރިއަށްގެންގޮސްފަ އެވެ.
މި މަނަވަރު ރަސްމީކޮށް ރާއްޖެއާ ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު، އޮސްޓްރޭލިޔާގެ ޕާތްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ވެސްޓް އޮސްޓްރޭލިޔާއިން ފުރައިގެން ރާއްޖެއަށް އައުމަށް މި މަނަވަރު ވަނީ 3,000 ނޯޓިކަލް މޭލަށް ވުރެ ދިގު ރާސްތާއެއް ކަޑައްތުކޮށްފަ އެވެ. މިއީ އެމްއެންޑީއެފްގެ ތާރީހުގައި ވެސް ދިވެހި ސިފައިން އަމިއްލައަށް އޮޕަރޭޓްކުރި މަނަވަރެއް ކުރި އެންމެ ދިގު ދަތުރު ކަމަށް އެ ހިދުމަތުން ބުނެ އެވެ. އެގޮތުން 14 ދުވަހުގެ މި ދަތުރަށް ފަހު މަނަވަރު މާލެ އައިސްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.
މި މަނަވަރުގެ ޚިދުމަތް ފެށުމުގެ ކުރިން، މަނަވަރުގެ ކަލާސީން ވަނީ އޮސްޓްރޭލިއާގައި ގާތްގަނޑަކަށް ތިން މަސްދުވަހުގެ "ޕްރީ-ކޮމިޝަނިން" ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން، އުޅަނދު އޮޕަރޭޓްކުރުމުގެ އަމަލީ ތަޖުރިބާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިސަރުންނާއި އެންލިސްޓެޑް ކަލާސީނުން ވަނީ ކުކް އައިލެންޑްގެ ކަނޑުމަތީގެ އަސްކަރިއްޔާއާ އެކު ދެ ހަފުތާގެ އަމަލީ ތަމްރީނު ފުރިހަމަކޮށްފަ އެވެ.