އަތަމާ ކުންފުނިން މި ރިސޯޓް ހަދަން ފެށީ 2006 ގައި އިންޑިއާގެ އެސްބީއައިއިން ލޯނު ނަަގައިގެންނެވެ. ނަމަވެސް ލޯނު ނުދެއްކުމުން މިހާރު އެ ބޭންކުން ވަނީ މި ރަށް ވިއްކާލުމުގެ މަަސައްކަތް ފަށާފަ އެވެ.

ރާއްޖޭގެ ވިޔަފާރީގައި ކުރިން މަޝްހޫރު އަތަމާ އިންވެސްޓްމަންޓުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ލޯނު ނަގައިގެން ހެދި މާވެލާވަރު ރިސޯޓް 111.6 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) އަށް ވިއްކާލަން ނިންމައިފި އެވެ.
ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ތަރައްގީ ކުރަން ލޯނު ދީފައިވާ އިންޑިއާގެ އެސްބީއައިއިން ބުނީ ނ. މާވެލާވަރުގެ ހެޑްލީސް ރައިޓްސް އާއި އެ ރަށުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަސީލަތްތަކާއި މެޝިނަރީތަކުގެ އިތުރުން އެތަނުގައި ބޭނުންކުރާ އެންމެހައި ތަކެއްޗާއެކު ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެ ބޭންކަށް ދީފައިވާ ކަމަށެވެ. މި ހުއްދަ ބޭންކަށް ލިބިފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ސިވިލް ކޯޓުން ނިންމި ޤަސިއްޔާއެއްގެ ދަށުންނެވެ.
އެ ބޭންކުން ބުނީ މި ރަށް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުެ 9 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
އެސްބީއައިއިން ބުނީ ބޭންކުން ކަނޑައަޅާފައިވާ ގޮތުން ނީލަން ކާމިޔާބުކުރާ ފަރާތުން، އެކަން އަންގާތާ 15 ދުވަހުގެ ތެރޭގައި 10 މިލިއަން ޑޮލަރު އެ ބޭންކްއަށް ދައްކަން ޖެހޭނެއެވެ. އަދި ބާކީ ފައިސާ 60 ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރަން ޖެހޭނެ އެވެ. މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ދެވަނަ އަށް އެންމެ މަތިން އަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވިކަން އަންގާނެކަމަށް ބޭންކުން ބުނެފައިވެ އެވެ. އަދި ޝަރުޠާ ހިލާފުވެއްޖެނަމަ ފުރަތަމަ ދެއްކި 10 މިލިއަން ޑޮލަރުގެ ތެރެއިން 2 މިލިއަން ޑޮލަރު ބޭންކަށް ނެގޭނެ އެވެ. މީގެ އިތުރުން، މި މުއާމަލާތާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ޓެކްސްއާއި ރަޖިސްޓްރީ ކުރުމުގެ ފީތައް ކަނޑާނީ ނީލަމުން ލިބޭ ފައިސާއިން ކަމަށާއި ބޭންކަށް ލިބެންޖެހޭ ފައިސާ އުނިކުރުމަށްފަހު ބާކީވާ ފައިސާއެއް ލޯނު ނެގި ފަރާތަށް ރައްދުކުރާނެ ކަމަށް ވެސް އެސްބީއައިގެ އިޢުލާނުގައި ވެ އެވެ.
ނ. އަތޮޅުގައި މާވެލާވަރު ރިސޯޓް އެންޑް ސްޕާގެ ނަމުގައި މި ރަށް ހަދަން ފަށާފައިވަނީ 2006 ގަ އެވެ. މި މަޝްރޫއު ނިންމަން ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. އަދި އަތަމާ ކުންފުނިން ވަނީ މި ރިސޯޓް މެނޭޖުކުރާނީ މެޑްރިއަން އޮރިއަންޓް ކުންފުނިން ކަމަށް އޭރު ބުނެފަ އެވެ. ނަމަވެސް މިހާރު މިއީ ރާއްޖޭގައި ނުހެދި ގިނަ ދުވަސްވީ އެއް ރިސޯޓެވެ. މި ރިސޯޓު ނުހެދި އޮންނަތާ ވަނީ 15 އަހަރާ ވަނީ ގާތްވެފަ އެވެ.