މާލޭގެ އުތުރުފަރާތުގެ ބަނދަރުގެ އެކިއެކި ކައްޅިތަކަށް ބަލައިލާއިރު އުދަޔާއެކު އަންނަރާޅު ބަނދަރަށް ވަދެފައި ނުކުމެގެންދާނޭ ގޮތެއް ނެތެވެ. މިކަހަލަ ޙާލަތުގައިވާނެ ގޮތަކީ ކޮއްޕާލާ ބާރުމިނުގައި ރާޅުގޮސް ޖެހޭ އިސާބުން ބަންޑުން ކޮށްލާނެ އެވެ.

މިއީ އުދައަރާ މޫސުމް ކަމަށްވުމާއެކު މާލެއަށް އަނެއްކާ ވެސް އިއްޔެ އިން ފެށިގެން އުދަ އަރަން ފަށައިފި އެވެ. އިއްޔެ އުދައެރީ މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރަމުން ދަނިކޮށެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރުބައި ހަދައިނިމިގެން އެންމެން އަތްޖަހަން ތިއްބައެވެ. މި ޙާލަތުގައި އުފާވެރި ވަގުތެއްގައި އުދައެރުމާއެކު މިލިޓަރީ ސިފައިން ސާމާނާއެކު ނުކުތީ ބޮޑުތަކުރުފާނު މަގަށް އަރަމުން އައި އުދައިގެ ޙަމަލާތައް ހުއްޓުވުމަށެވެ. ނުވަތަ އެ ވަރުގަދަ އުދައިގެ ޙަމަލާއިން ބޮޑު ތަކުރުފާނު މަގަށް ލިބެމުންދިޔަ ޒަޚަމްތަކާއި ގެއްލުންތަކަށް ފަރުވާ ދިނުމަށެވެ. ކޮންމެ މާނައެއްގައި ވިސްނިޔަސް އުދައިގެ ތެރޭގައި ސިފައިން ތިބީ އެމީހުންގެ ވާޖިބު އަދާ ކުރުމުގައި ސާބިތުވެއެވެ.މިއަދުވެސް އުދަ އަރާނޭ ކަމުގައި މޫސުމާބެހޭ ޤައުމީ އޮފީހުން އަންދާޒާ ކޮށްފައި ވެއެވެ. އުދަ އެރުމުގެ ކުރިން ކުރެވޭނޭ އެއްވެސް ކަމެއް ނެތުމުގެ ސަބަބުންނާއި، އުދަ ހުއްޓުވާނޭ ނުވަތަ އުދަ "އިންޓެސެޕްޓް" ކުރާނޭ އެއްވެސް ވަސީލަތެއް ނެތުމުގެ ސަބަބުން މިއަދު ވެސް ނުވަތަ މާދަމާވެސް ކުރަން ޖެހޭނީ އިއްޔެ ކުރި މަސައްކަތެވެ. އުދައިގެ ޙަމަލާއިން ލިބޭ ގެއްލުން ތަކަށް ފަރުވާ ކުރުމުގެ މަސައްކަތެވެ.
މާލޭގެ އުދަޔާބެހޭ ގޮތުން ތަޖްރިބާ ކުރަން ޖެހިފައިވަނީ އިހުގެ މާލެއިން ފެންނަން އޮތް ޤުދުރަތީ ހަޤީޤަތެވެ. އެއީ ވަރުނުލާ ރާޅުގަނޑުގެ ރާޅުތަކާއި މޫސުމީ ގޮތުން އެ ރާޅުގަނޑަށް އަންނަ ބަދަލާއި، އުދައެރުމާއި، އެއާއެކު މާލޭގެ ގޮނޑު ދޮށަށް އަންނަމުންދިޔަ ބަދަލެވެ. މާލޭގެ ހެންވޭރުގެ ވަކި ހިސާބަކުން އުސް ބިމެއް އޮވެގެން އެކަމާހެދީ އުނދަގޫ ވެގެން އެ ފަސްގަނޑު ނެގިއެވެ. މިހާރުވެސް މިކަމުގެ ހެކި ހެންވޭރުގެ ބައެއް ގޯތި ތަކުންނާއި، ދައުލަތުގެ ބިންތަކުން ވެސް އެބަފެނެއެވެ. މި ދެންނެވި ފަސްގަނޑުގެ އުފެދުމާއި، އެ ފަސްގަނޑުގެ ފަހަތުގައި ތިބި މީހުންނަށް އުދައާއި، ވަރުނުލާ ރާޅުގަނޑުގެ ރާޅުތަކުން ލިބެމުންދިޔަ ނުރައްކަލަށް ލިބުނު ރައްކާތެރި ކަމާމެދު މިއަދު ވިސްނަން އެބަޖެހެ އެވެ. ޤުދުރަތީ ގޮތުން މާލޭގެ ހެންވޭރު ސަރަޙައްދުގައި އުފެދިފައި އޮތް ޤުދުރަތީ ނިޒާމާމެދު ނުވަތަ ޤުދުރަތުން ދީފައިއޮތް ރައްކާތެރިކަމާމެދު ވިސްނާލަން އެބަޖެހެ އެވެ.

މާލޭގެ އުތުރުފަރާތުގެ ބަނދަރުގެ އެކިއެކި ކައްޅިތަކަށް ބަލައިލާއިރު އުދަޔާއެކު އަންނަރާޅު ބަދަރަށް ވަދެފައި ނުކުމެގެންދާނޭ ގޮތެއް ނެތެވެ. މިކަހަލަ ޙާލަތުގައިވާނެ ގޮތަކީ ކޮއްޕާލާ ބާރުމިނުގައި ރާޅުގޮސް ޖެހޭ އިސާބުން ބަންޑުން ކޮށްލާނެއެވެ. ބަދަރު ހެދުމަކީ ހަތަރު ފަރާތުން ތޮށިގަނޑުލައި ބައްތި ޖެހުމެއް އެކަނި ނޫންކަން ދަސްކުރަން އެބަޖެހެ އެވެ. ދިޔަވަރު ބޮޑުވުމާއު، ހިކުމާއި، ރާޅާއި، އުދަޔާއެކު ދައުރުވާ އޮޔާއި މިހުރިހާ ކަމަކުން ތޮށިގަނޑުގެ މަތީގައި ހުންނަ މިހާއަށް ކުރާނޭ އަސަރާމެދު ވަރަށް ފުންކޮށް ވިސްނަންވާނެ އެވެ. މި ހުރިހާ ކަމަކަށް ނުވިސްނާ ބަނދަރު ހަދާނަމަ ބަދަރުގެ ތެރެއަށް ވަންނަ ލޮނުގަނޑަށް އަނބުރައި ނުނުކުމެވިގެން ބަންޑުން ކޮށްލާނީ ރަށުގެ އެއްގަމަށެވެ. މާލެއަށް އިއްޔެ އިދިމާވީ އެކަހަލަ ގޮތެކެވެ.
ރާޅު އަރާއިރު ނުވަތަ އުދަ އަރާއިރު އަބަދުވެސް އެ ރާޅާއެކު ވެއްޔާއި ގަލާއި އަކިރި އަރާނެ އެވެ. މި ތަކެތި އެކުވެގެން އުފެދެމުންދާނީ ރަށުގެ ބިމަށް އިތުރުވާ ބައެވެ. އާދަޔާ ޚިލާފަށް ރާޅުއަރާ މާލެ ކަހަލަ ރަށްރަށުގައި މިދެންނެވި އިތުރުވާ ބިން އަބަދުބެސް ދާނީ އުފުލެމުން ފުޅާވަމުންނެވެ. މި އުފުލިފައި އޮތުން ބިނާވާނީ ރާޅުގެ ނުވަތަ އުދައިގެ ބޮޑުމިނާއި، ރާޅުއަރާ މިންވަރާއި، ރާޅުއަރާ އަވަސް ނުވަތަ ލަސް ކަމުގެ މައްޗަށެވެ. މިދެންނެވި އެއްޗަކަށް ވިސްނައިލީމާ ރާޅު އޭގެ ޒާތުގައި ދަތުރުކޮށް ގޮޑުދޮށަށް ޖަހާލައި ރާޅާއެކު އަންނަ ވެއްޔާއި އަކިރިއާއި ގައު އެކި ދިމާއަށް ޖަމާކުރަމުން ދާކަން އެނގެއެވެ. ޤުދުރަތީ މި ފުރިހަމަ ނިޒާމަކީ ވެލީގެ އެކި މިންތަކާއި ގަލާއި އަކިރި ވެސް އޭގެ ޚާއްޞަ ޖާގަތަކަށް ގެންގޮސްދޭ ވަރަށް ފުރިހަމަ ނިޒާމެކެވެ.
މި ނިޒާމަށް އެއްވެސް ވިސްނުމެއް ފިކުރުކުރުމެއް ނެތި މާލޭގެ ފަޅުން ހިއްކެން އޮތް ވަރަކަށް ހިއްކައި، ރާޅާއި، އުދައިގެ ކުރިމަތީގައި މަގުހަދައި ތާރައަޅައި ބޮޑެތި އުސްގެތައް އަހަރެމެން ބިނާ ކޮށްފީމެވެ. މިކަމެއް ރާޅަކަށް ވެސް އަދި އުދަޔަކަށް ވެސް ނޭނގެއެވެ. އެހެެންވީމާ، އަހަރެމެން ހެދި މަގާއި، އަހަރެމެން ބިނާކުރި ޢިމާރާތްތަކަށް ރާޅު އެރުމުން ނުވަތަ އުދައެރުމުން ލިބިދާނޭ ގެއްލުމެއް ރާޅަކަށް ނުވަތަ އުދަޔަކަށް ނޭގޭނެއެވެ.
މާލޭގެ ރާޅުގަނޑު ސަރަޙައްދުން ފެށިގެން މަލިކި ސަލްމާން މިސްކިތުގެ އުތުރަށް އޮތް ހިސާބަށް ވެސް ރާޅުއެރުމާއި އުދައެރުމުގެ ނުރައްކަލާއި ބިރުވެރިކަން އެބައޮތެވެ. މިއީ މާލެއަށް ޢާއްމުކޮށް އުދައަރާ ހިސާބެވެ. މި ބިރުވެރިކަމާއި، ނާމާންކަން ފިލުވައިލުމަށް ކޮންމެވެސް ކަމެއް ކުރެވިދާނެއެވެ. މާލެ މިހާރު ބޮޑުކޮށްފައި ހިއްކާފައި އޮތް ގޮތުންނާއި، މާލޭގެ ރާޅުގަނޑުގެ ކުޅިވަރުތަކުގެ ސަބަބުން މިފަދަ ނިޒާމެއް ޤާއިމް ކުރުމުގައި ވިސްނަންޖެހޭނޭ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ. އަހަރެން ދެކޭ ގޮތުގައި "އުދަމަތަ" ކޮންސެޕްޓެއް އެކުލަވައިލާން ޖެހޭނީ މިކަންކަމަށް ވިސްނައިގެންނެވެ. ރާޅާއި އުދަ އެއްގަމަން އެރުން ހުއްޓުވަން ޖެހެއެވެ. އެކަމަކު ރާޅާއި އުދަ އޭގެ ވާޖިބު އަދާކުރަމުން އެއްގަމަށް އަރާނެއެވެ. ރާޅާއި އުދައާއެކު ކޮންމެ ފަހަރަކުވެސް ވެއްޔާއި ގަލާއި އަކިރިގެނެސް އެއްގަމަށް ޖަމާކުރާނެއެވެ.
މިދެންނެވި އެއްޗަކަށް ވިސްނައިލީމާ ރާޅާއި އުދައަށާއި ރާޅާއި އުދަަޔާއެކު ގެންނަ ތަކެއްޗަށް ޖާގައެއް ދޭންޖެހޭކަން އެގެއެވެ. އަދި އެޖާގައިގެ ފަހަތުގައި ޤާއިމްކުރެވިދާނޭ "އުދަމަތަ" ނުވަތަ އުދަ ހުއްޓުވާ ފާރުގެ ސަބަބުން ބޮޑު ތަކުރުފާނުމަގާއި އެ މަގާއިންވެގެން ބިނާކޮށްފައިވާ އަގުބޮޑު ޢިމާރާތްތަކަށް ރައްކާތެރިކަމެއް ލިބިދާނެ އެވެ. ސިފައިންނަށް ރާޅުގެ ކުރިމައްޗަށް ހަތިޔާރު ހިފައިގެން ނުކުންނަން ނުޖެހި ކޮންޓްރޯލް ރޫމުން ބަލަމުން ގެންދެވިދާނެ އެވެ. މިދަފަ ނިޒާމެއްގައި ރާޅުގެ ނިޒާމަށް ޖާގަ ދިނުމުން އިތުރުވާ ވެއްޔާއި ގަލާއި އަކިރި ދޭތެރެ ދޭތެރެއިން ނަގައި ރާޅުގެ ނިޒާމަށް ތަނަވަސްކަން ދެމުން ދާނީ އެވެ.

މާލޭގެ ހެންވޭރުން ރާޅުގަނޑު ސަރަޙައްދު އޮތް ގޮތުން މި ޖާގަ ތަނަވަސްކޮށްދީ "އުދަމަތަ" ބިނާކޮށްގެން އެ ސަރަޙައްދު ސަލާމަތް ކުރެވިދާނެ އެވެ. އަދި މަލިކި ސަލްމާނު މިސްކިތުގެ ސަރަޙައްދުގެ ކަނޑުން ޖާގައެއް ހަދައި ރާޅާއި އުދަޔަށް ޖާގަ ދެވިދާނެއެވެ. މިފަދަ "އުދަމަތަ" އެއްގެ ފަހަތުން ރަށުތެރެއަށް ފެންނަންވާނީ ހޭޅީގައިހެދޭ ލޮނުފެނުން ތާޒާކަންލިބޭ ޒާތުގެ ގަހެވެ. މިފަދަ ގޮތަކަށް ރާޅާއި އުދައިގެ ނިޒާމަށް ޖާގަ ނުދޭނަމަ ރާޅާއި އުދައިން ލިބޭ ގެއްލުމުން ސަލާމަތްވުމަށް މިލިޓަރީ ސިފައިންތިބޭނީ ހަތިޔާރު ހިފައިގެން ބޮޑުތަކުރުފާނުމަގުގައެވެ.