އެޗްޑީސީ 2024 ގެ މާލީ އޮޑިޓް | ޖުމްލަ ދަރަނި ވަނީ ދަށްވެފަ

އޮޑިޓަ ޖެނެރަލްގެ އޮޑިޓުން އެނގޭ ގޮތުގައި 2023 ގައި ދަަރަނި 10 ބިލިއަންގައި ހުރިނަމަވެސް 2024 ގައި މި އަދަދު ވަނީ 9.46 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

ވިނަރެސް ޓަވަރުގައި ހުޅުވާފައިވާ އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީސް

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަރަނި 2023 ވަނަ އަހަރާއި 2024 އަޅާކިޔާނަމަ ދަށްވެފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ނެރުއްވި މާލީ އޮޑިޓުން ހާމަވެއްޖެ އެވެ.

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެެރުއްވި އޮޑިޓުން އެނގޭ ގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު އެޗްޑީސީ ގެ ޖުމްލަ ލޯނާއި ދަރަނި 9.46 ބިލިއަން ރުފިޔާ އަށް ވަނީ ދަށްވެފަ އެވެ. މި އޮޑިޓުގައިވާ ގޮތުން 2023 ވަނަ އަހަރު އެޗްޑީސީގެ ޖުމްލަ ލޯނާއި ދަރަނި 10.22 ބިލިއަން ރުފިޔާގަ އެވެ. އަހަރު ނިމުނުއިރު ކުންފުނީގެ ޖުމްލަ ދަރަނި ވަނީ ގާތްގަނޑަކަށް 754 މިލިއަން ރުފިޔާ އިން ކުޑަވެފަ އެވެ.

ދަރަނި އަދާކުރި މިންވަރު އިތުރުވުމާ ގުޅިގެން އެޗްޑީސީގެ ޖުމްލަ ކެޕިޓަލް އާއި އަޅާބަލާއިރު ދަރަނި ހުރި މިންވަރު ނުވަތަ "ގިއަރިން ރޭޝިއޯ" ވަނީ 2023 ވަނަ އަހަރު ހުރި % 29.2 އިން % 28.9 އަށް ތިރިވެފައެވެ. އަދި 2024 ވަނަ އަހަރު ލޯނުތަކުގެ އިންޓަރެސްޓުގެ ގޮތުގައި އެކަނި ވެސް 751.8 މިލިއަން ރުފިޔާ އަރާފައިވާއިރު، އޭގެ ތެރެއިން 583.6 މިލިއަން ރުފިޔާ ވަނީ ނަގުދު ފައިސާއި ން ދައްކާ ހަލާސްކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި "ކަރަންޓް ލައިބިލިޓީ" ނުވަތަ ދައްކަންޖެހޭ ލޯނުގެ ގޮތުގައި 1.95 ބިލިއަން ރުފިޔާ ހުރިއިރު، އެއް އަހަރަށްވުރެ ދިގު މުއްދަތުން ދައްކަންޖެހޭ ގޮތަށް 7.48 ބިލިއަން ރުފިޔާގެ ލޯނު އެބައޮތެވެ.

އެޗްޑީސީން އެންމެ ބޮޑު ލޯނުތަކެއް ނަގާފައިވަނީ ޗައިނާގެ އައިސީބީސީ އާއި ސީޑީބީގެ އިތުރުން ދިވެހި ސަރުކާރު މެދުވެރިކޮށެވެ. މީގެ ތެރޭގައި 7000 ފްލެޓް މަޝްރޫއުއާއި 1530 ފްލެޓް މަޝްރޫއު ފަދަ ބޮޑެތި މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތައް ވެސް ހިމެނެއެވެ.

އާމްދަނީ ލިބުނު ދާއިރާތައް

އެޗްޑީސީ އިން ވަނީ 2024 ބިންތަކާއި ތަރައްގީކޮށްފައިވާ ތަންތަން ވިއްކައިގެން 2.81 ބިލިއަން ރުފިޔާ ހޯދާފަ އެވެ. ނަމަވެސް މިއީ 2023 ވަނަ އަހަރު ލިބުނި 5.89 ބިލިއަން ރުފިޔާއާ ބަލާއިރު ދަށްވުމެކެވެ. އަދި ކުލީގެ ގޮތުގައި އާމްދަނީއަށް 2024 ގައި 670.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު ކުލީގެ ގޮތުގައި ލިބުނު 578.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ. މީގެ އިތުރުން ޑިވެލޮޕްމަންޓް އަދި ސޭލް ރައިޓްސް ވިއްކައިގެން 2024 ގައި 50.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި 2023 ވަނަ އަހަރު މި ގޮތުން ލިބިފައިވަނީ 57.1 މިލިއަން ރުފިޔާ އެވެ. އަދި ވިޔަފާރި ބޭނުމަށާއި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން އެކުއިޒިޝަން ފީގެ ގޮތުގައި 93.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އިންވެސްޓްމަންޓް ޕްރޮޕަޓީ ވިއްކައިގެން 2024 ގައި 1.52 ބިލިއަން ރުފިޔާ ފައިދާއަށް ލިބުނެވެ. މީގެ އިތުރުން ކަސްޓަމަރުންނާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، މައިގަނޑު އާމްދަނީގެ ގޮތުގައި 2024 ވަނަ އަހަރު އެޗްޑީސީއަށް ޖުމްލަ 3.53 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް 2023 ވަނަ އަހަރު މި އަދަދު ހުރީ 6.53 ބިލިއަން ރުފިޔާގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.