ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ކުޅިވަރުތައް ޝަރަފުވެރިކޮށްދެއްވީ ސައޫދީ ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ވަޑައިގެންނެވި ޕްރިންސް ޑރ. މަންޞޫރު އެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުތެ މައިދާނީ ހަރަކާތްތައް ކުރިއަށް ގެންގޮސްފި އެވެ.
ސްކޫލްތަކާއި ސިފައިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައްލަވާލައްވާފަ އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އެވެ.
މިރޭގެ ހަރަކާތްތައް ރަސްމީ ގޮތުން ފެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި އެއާއެކު ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައްޔާއި، 15 ސްކޫލެއްގެ ދަރިވަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.
މިރޭގެ ސްކޫލް ދަރިވަރުންގެ ހަރަކާތުގައި، ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހަރަކާތަކާއި، ހޭވައްލާ ގުރޫޕުގެ ޘަޤާފީ ހަރަކާތެއް ވަނީ ހުށައަޅައިދީފައެވެ.މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ، ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތުންނެވެ.