މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި މިހާތަނަށް މިފަދަ އިނާމެއް އެރުވިފައިނުވާ ބޭފުޅުންނެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން 66 ބޭފުޅެއްގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި، އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން ދެއްވައިފިއެވެ.
މި ހިދުމަތްތެރީންނަށް މި ޝަރަފު އަރުވާފައިވަނީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް މުޙައްމަދު މުޢިއްޒު އެވެ. މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި މިހާތަނަށް މިފަދަ އިނާމެއް އެރުވިފައިނުވާ ބޭފުޅުންނެވެ.
މިފަދަ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް އިނާމު އެރުވުމަށް ރައީސް ނިންމަވައި އެ ބޭފުޅުންގެ ރެކޯޑުތައް ރައީސް އޮފީހުން ވަނީ ހޯއްދަވާފަ އެވެ. އަދި އެއަށްފަހު އެ މައުލޫމާތުތައް ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުއްވުމުން، ކޮމިޓީން ވަނީ އެ މައުލޫމާތުތައް ފުރިހަމައަށް ދިރާސާ ކުރައްވާފަ އެވެ. އޭގެ އިތުރުން، ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އެ ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. މިއަދު މި ޝަރަފު އަރުވާފައިވަނީ އޭގެ ތެރެއިން އިނާމަށް ޝަރުތު ފުރިހަމަވި ބޭފުޅުންނަށެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ. މިއަދު އެރުވުނު މި ޝަރަފަކީ އެބޭފުޅުން ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ރަމްޒެކެވެ.