ތާރު އަޅައިގެން ހަދާފައިވާ އަމީނީ މަގުގެ އެކި ހިސާބުތަކުން ތާރުގަނޑު އުފުލި، ބޮޑެތި އަޑިގުޑަންތައް އުފެދުމުގެ ސަބަބުން ވެހިކަލްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފަ އެވެ.

މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ހަސަން ވިދާޅުވީ، އަމީނީ މަގުގެ މަރާމާތުގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި އަންނަ ހަފުތާގެ ތެރޭގައި އެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ ކަމަށެވެ.
ތާރު އަޅައިގެން ހަދާފައިވާ އަމީނީ މަގުގެ އެކި ހިސާބުތަކުން ތާރުގަނޑު އުފުލި، ބޮޑެތި އަޑިގުޑަންތައް އުފެދުމުގެ ސަބަބުން ވެހިކަލްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފަ އެވެ.
މިގޮތުން، ދިވެހިރާއްޖޭގެ އަޑާއި ދިރާގު އިމާރާތާ ދެމެދުގައިވާ، އެންމެ ފަހުން ތާރުއެޅި ސަރަހައްދުގެ ތާރުގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
މަގުގެ ފެންވަރު ދަށްވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ހައުސިން މިނިސްޓްރީން މިދިޔަ މަހުގެ 15 ގައި ވަނީ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގަ އެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު އެއްކޮށް ނިންމައި މަގު ހުޅުވާލީ 2024 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.
ނަމަވެސް މަގު ހެދިފަހުން ގިނަ ދުވަސްތަކެއް ނުވަނީސް އެކި ހިސާބުތަކުން ތާރުގަނޑު ހަލާކުވެގެން މިދިޔަ އަހަރު ވެސް މަރާމާތުތަކެއް ކުރަންޖެހުނެވެ.
ތާރު އަޅައިގެން އަމީނީ މަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްފައިވާއިރު، އެ މަސައްކަތް ކޮށްފައިވަނީ ނުއަގުގައި އަދި ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ ވަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފަ އެވެ.