ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ޑރ. މަންސޫރަށް މަރުހަބާ ވިދާޅުވެ، ދައުވަތު ގަބޫލުފުޅުކުރެއްވި ކަމަށްޓަކައި ސައުދީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭގެ މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މަންދޫބު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި ސައުދީގެ ކެބިނެޓް މެމްބަރު އަދި ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި، ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސްގެ ޕްރިންސިޕަލް ސެކްރެޓެރީ މުހައްމަދު ނަސީރެވެ.
އަދި އެ މަނިކުފާނުގެ ޝަރަފުގައި ސިފައިން ވަނީ ޝަރަފުގެ ގާޑެއްވެސް އަރުވާފަ އެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ޑރ. މަންސޫރަށް މަރުހަބާ ވިދާޅުވެ، ދައުވަތު ގަބޫލުފުޅުކުރެއްވި ކަމަށްޓަކައި ސައުދީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަދި ދިވެހި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް"ގެ ދަށުން ސައުދީން ދެމުންދާ އެހީތެރިކަން ރައީސް ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ދެ ގައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި، އިހުތިރާމާއި، ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން އިގުތިސާދީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ މެދު ވާހަކަފުޅު ދެއްކެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ޑރ. މަންސޫރު ވަނީ ސައުދީގެ އިސްވެރިން ރާއްޖޭގެ ތަރައްގީއާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ހާއްސަ އަހަންމިއްޔަތުކަން ފާހަގަކުރައްވާފަ އެވެ.

އިހުތިރާމްގެ ޒިޔާރަތަށްފަހު، ރައީސް މުއިއްޒު ވަނީ ޑރ. މަންސޫރުގެ ޝަރަފުގައި މެންދުރުގެ ހާއްސަ ފަރިއްކޮޅެއް ބާއްވަވާފަ އެވެ.
މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިރޭ ޖުމްހޫރީ މައިދާނުގައި ހާއްސަ ކުޅިވަރުގެ އައިޓަމްތަކާއި ސަރުކާރު އިދާރާތަކުގެ ފުޅަނދުބުރު އޮންނާނެ އެވެ.
އަދި މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ.