މި މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން ވަނީ 14 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފަ އެވެ.

ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެން ވިޔަފާރިކުރަން އުޅޭކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ރޭ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަތަމަ ހައްޔަރުކުރީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ އަތުލައިގަތީ ރާއްޖެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލަންކާ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. އޭނާގެ ހަށިގަނޑުގައި ބަނދެގެން އެތެރެކުރަން އުޅުނު 602 ގްރާމްގެ "އައިސް" (ކްރިސްޓަލް މެތު) ވަނީ ފެނިފަ އެވެ.
ފުލުހުންގެ ސުވާލުކުރުންތަކުގައި، އެ ތަކެތި އެތެރެކުރީ ލަންކާގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކަށް ހަވާލުކުރުމަށް ކަމަށް އޭނާ ކިޔައިދީފައިވެ އެވެ.
އޭނާ ދިން މައުލޫމާތުގެ އަލީގައި، ކޮލަމްބޯގެ ހޮޓަލެއްގައި ހުއްޓާ އުމުރުން 28 އަހަރުގެ ދިވެއްސަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހުރި ކޮޓަރި ބަލައިފާސްކުރިއިރު އިތުރު 607 ގްރާމްގެ އައިސް ވަނީ ފެނިފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން ވަނީ 14 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފަ އެވެ.