ރޮއިޓާސް އިން ބުނީ މި ޕްލޭނަކީ އިންޑިއާގައި 8 އެއާޕޯޓެއް (މުމްބާއީގެ 2 އެއާޕޯޓް ހިމެނޭހެން) އޮޕަރޭޓްކުރަމުންދާ އަދި 11 ބިލިއަން ޑޮލަރުގެ އެކްސްޕެންޝަން ޕްލޭނެއް ގެންގުޅޭ އަދާނީ ގްރޫޕުގެ ސްޓްރެޓެޖީ އަށް އަންނާނެ ބޮޑު ބަދަލެކެވެ.

އިންޑިއާގެ މަޝްހޫރު މަހުޖަނު ގޯތަމް އަދާނީގެ "އަދާނީ ގްރޫޕުން" އާ އެއާލައިނެއް އުފެއްދުގެ މަސައްކަތް ފަށައިފި އެވެ. މި ފިޔަވަޅުގެ ސަބަބުން، މިހާރު އިންޑިގޯ އާއި އެއާ އިންޑިއާގެ ކޮންޓްރޯލް އޮތް އިންޑިއާގެ އޭވިއޭޝަން މާކެޓުގެ ވާދަވެރިކަމަށް ބޮޑު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ރޮއިޓާސް އިން ބުނީ މި ޕްލޭނަކީ އިންޑިއާގައި 8 އެއާޕޯޓެއް (މުމްބާއީގެ 2 އެއާޕޯޓް ހިމެނޭހެން) އޮޕަރޭޓްކުރަމުންދާ އަދި 11 ބިލިއަން ޑޮލަރުގެ އެކްސްޕެންޝަން ޕްލޭނެއް ގެންގުޅޭ އަދާނީ ގްރޫޕުގެ ސްޓްރެޓެޖީ އަށް އަންނާނެ ބޮޑު ބަދަލެކެވެ. ކުރިން އެ ގްރޫޕުން ބުނެފައިވަނީ އެއާލައިން ވިޔަފާރީގެ ތެރެއަށް ވަނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، އެއާލައިން ވިޔަފާރިއަކީ ފައިދާ ހޯދަން އުނދަގޫ އަދި ރިސްކު ބޮޑު ވިޔަފާރިއަކަށް ވާތީ، މިއީ އަދި ހަމައެކަނި ވިސްނުމެއް ކަމަށާއި މިކަމުގައި އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އެހެންނަމަވެސް، މިދިޔަ އަހަރު އަހުމަދާބާދުގައި އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓުނު ހާދިސާއާއި އަދި ޑިސެމްބަރު މަހު އިންޑިގޯ އަށް ދިމާވި އޮޕަރޭޝަނަލް މައްސަލަތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވެ ދިމާވި ދަތިތަކަށްފަހު އިންޑިއާ ސަރުކާރުން ވަނީ އަދާނީ ހިމެނޭހެން ބޮޑެތި ވިޔަފާރި ގްރޫޕުތަކަށް އާ އެއަރލައިނެއް އުފެއްދުމަށް ބާރުއަޅާފަ އެވެ.
މި ހަބަރާއެކު ބުރާސްފަތި ދުވަހު އަދާނީ އެންޓަޕްރައިޒަސްގެ ހިއްސާގެ އަގު ވަނީ 3% ދަށަށް ގޮސްފަ އެވެ. އެއާލައިނެއް އުފެއްދުމާ ގުޅޭގޮތުން ގްރޫޕްގެ އެތެރޭގައި ކުރެވެމުންދާ މަޝްވަރާތައް އަދި އުޅެނީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ.
އަދާނީއަކީ ގާތްގަނޑަކަށް 89 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު އޭޝިއާގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. ނަމަވެސް އޭވިއޭޝަން ދާއިރާ އަށް ވަނުމަކީ އޭނާގެ ކެރިއަރުގައި ނަގާނެ އެންމެ ބޮޑު އެއް ރިސްކަށް ވާނެ އެވެ. ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޓެކްސް ބޮޑުވުމާއި ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ކިންގްފިޝާ ޖެޓް އެއާވޭސް އަދި ގޯ ފަސްޓް ފަދަ އިންޑިއާގެ އެއާލައިންތައް ވަނީ ބަނގުރޫޓުވެފަ އެވެ.