ޒުވާނުން ބާރުވެރި ކުރުވުމަކީ އެންމެ އިސްކަންދޭ ދާއިރާ : ރައީސް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ ގިނަ ފުރުސަތުތަކެއް ހުޅުވާލުމަށެވެ.،

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަ ޕްލަސް ޕޮޑްކާސްޓުގައި

ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށްވާއިރު، މިކަން ހާސިލުކުރުމުގައި ހުރި އެކި ގޮންޖެހުންތައް ގިރާކޮށް، މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނާނެކަމުގެ ޔަޤީންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

ރައީސްގެ ޕޮޑްކާސްޓް "ދަ ޕަލްސް" ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް އިޖާބަދެއްވާފައެވެ.

އެގޮތުން، ޒުވާނުންނަކީ ގައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު ހިއްސާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އިގްތިސާދީ އަދި ތަޢުލީމީ ދާއިރާގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ. ވަކީން ހާއްސަކޮށް، ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުސަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްޤީކޮށްދެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. މިފަދަ މަޝްރޫޢުތަކަކީ ހަމައެކަނި ވެރިރަށް، މާލެއަށް ހާއްސަ ކަމަކަށްވުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިފަދަ ޚިދުމަތްތައް ގާއިމުކުރެވެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދެވޭއިރު، މިފަދަ މަޝްރޫޢުތައް ހުންނާނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގެ އެތައް ހާލަތަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމަށްޓަކައި ވަށާޖެހޭ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ.

ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ޕްރައިވެޓް ސެކްޓަރގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާ މުހިންމު ބައެއް ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ވިޔަފާރީގެ ތެރޭގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަދުގެ ސަރުކާރުން ތައާރަފުކޮށްދެއްވާ ލޯން ސްކީމްތަކުގެ އިތުރުން، ޒުވާނުން ކުރިއަރާ ދިއުމަށް ހުރި އިތުރު ހުރަސްތަކާއި ގޮންޖެހުންތައް ގިރާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށް އެމަނިކުފާނު ތަފްސީލީ ގޮތެއްގައި ބައްލަވައިލެއްވިއެވެ. ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭއިރު، މިކަން ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ މަދުވެގެން 15 ިއިންސައްތަ އަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ހިއްސާކުރާ މިންވަރަށް ހެދުންކަމުގައި ވާއިރު، މި އަމާޒަށް ވާސިލުވުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސް ވިދާޅުވީ ރަނގަޅު ގޮތް އަންގައިދީ އެކަމަށް މަގުފަހިކޮށްދިނުން ކަމުގައި ފާހަގަކުރައްވަމުންނެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކޮށް ނިމެމުންދާކަމަށާ، ވަޒީފާއާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމުގައި ދިވެހިންނަށް އިސްކަންދިނުމުގެ އިތުރުން އެކި ދާއިރާތަކުން ފަންނުވެރިން އުފައްދައިދީ، ކިޔަވައިގެން ނުކުންނަ ކުދިންނަކީ ތަޢުލީމީ ނުވަތަ މަސައްކަތުގެ ދާއިރާއިން ހުނަރުވެރި ބަޔަކަށް ހަދައިދީ، ކުރިއަށްދާނެ މަގުތައް ފަހިކޮށްދިނުން ހިމެނޭ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ހާސިލުވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.