ފުލުހުންގެ ތަހުގީގުގައި 40 އަހަރުގެ މީހާއާ ސުވާލުކުރުމުން، އެ މަސްތުވާތަކެއްޗަކީ ލަންކާގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ މީހަކާ ހަވާލުކުރަން ގެނައި އެއްޗެއްކަމަށް ވަނީ ބުނެފަ އެވެ.

ސްރީލަންކާ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.
ސްރީލަންކާގެ ނޫސްތަކުގައިވާ ގޮތުން މި މައްސަލައިގައި އަތުލައިގަތް ކްރިސްޓަލް މެތަމްފެޓަމިން (އައިސް) ގެ މަގުމަތީ އަގު ގާތްގަނޑަކަށް 10 މިލިއަން ސްރީލަންކަން ރުޕީސް އަށް އަރާނެކަމަށް ލަންކާގެ ފުލުހުން ބުނެ އެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ) އިންނެވެ.
އޭނާ ލަންކާއަށް ގޮސްފައިވަނީ އިއްޔެ މެންދުރު 12:15 ހާއިރު މާލެއިން ފުރައިގެން ދިޔަ ފިޓްސް އެއާގެ ފްލައިޓް 8D 922 އިންނެވެ.
ފުލުހުން ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ދިގު ގަމީހެއްގެ އެތެރެއިން، ޖަނގިޔާގެ ތެރޭގައި ޓޭޕްއަޅައި ފޮރުވައިގެން ދެ ޕާރުސަލެއްގައި 602 ގްރާމްގެ އައިސް ގެންގޮސްފައިވެ އެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ، ދިވެއްސަކު ލަންކާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޕީއެންބީގެ ޑެޕިއުޓީ ޑިރެކްޓަރަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. މި މައުލޫމާތާއެކު ކޮލަމްބޯގެ ޕީއެންބީ ހެޑްކުއާޓަރުގެ ޓީމަކާއި އެއާޕޯޓުގެ ޕީއެންބީ އޮފިސަރުން ގުޅިގެން ވަނީ އެއާޕޯޓުގެ ބެގޭޖް ކްލެއިމް އޭރިއާގައި ފާރަލައިފަ އެވެ.
ފުލުހުންގެ ތަހުގީގުގައި 40 އަހަރުގެ މީހާއާ ސުވާލުކުރުމުން، އެ މަސްތުވާތަކެއްޗަކީ ލަންކާގައި ފުޅާދާއިރާއެއްގައި އައިސް ވިއްކަމުންދާ މައިގަނޑު މީހަކާ ހަވާލުކުރަން ގެނައި އެއްޗެއްކަމަށް ވަނީ ބުނެފަ އެވެ.
މި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޕީއެންބީގެ އޮފިސަރުން ވަނީ ރޭގެ ވަގުތެއްގައި ކޮލަމްބޯގެ ހޮޓަލަކުން ދެވަނަ މީހަކު ހައްޔަރުކޮށްފަ އެވެ. މިއީ ލަންކާގައި މި ނެޓްވޯކް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބެލެވޭ އުމުރުން 28 އަހަރުގެ ދިވެއްސެކެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން އިތުރު 10 ގްރާމް 670 މިލިގްރާމްގެ އައިސް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.