އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން މިހާރު ދަނީ، އީރާނުން އެމެރިކާގެ މުހިންމު ތަންތަނަށް ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ރަޝިޔާ އިން އެހީތެރިވަމުންދޭ ތޯ ތަހުގީގުކުރަމުންނެވެ.

އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ދޭ ހަމަލާތައް ބަރާބަަރަށް އަމާޒަށް ވާސިލްވަމުންދާތީ، އެމެރިކާގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެ އެވެ.
ނިއުޔޯކް ޓައިމްގައިވާ ގޮތުން މިފަހުން އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ ސިފައިންގެ ބަޔަކު މަރުވުމުގެ އިތުރުން އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާއިން ވަނީ ރަޝިއާ އާއި ޗައިނާއަށް އީރާނަށް އެހީވާ ކަމަށް ޝައްކުކޮށްފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތް ވިދާޅުވީ، މޮސްކޯ އަދި ބެއިޖިންގ އިން އީރާނަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލުތަކަކީ ސިއްރު މައުލޫމާތުތަކެއް ކަމަށެވެ. އެގޮތުން، އެކި ގޮތްގޮތުން އީރާނުން ކުރަމުންދާ ކަންކަމަށް މި ދެ ގައުމުން އެކި މިންވަރަށް މަގުފަހިކޮށްދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ބުދަ ދުވަހު އީރާނުގެ އިތުރު ހަމަލާއެއް އެމެރިކާގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު އުރުދުންގައި ހުންނަ ހަތިޔާރު ގުދަނަކަށް ވަނީ އަރާފަ އެވެ. މި ހަމަލާ އަމާޒުވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ތިން ސިފައިން މަރުވި އުރުދުންގެ މުވައްފަޤް ސަލްޓީ އެއާ ބޭސް ކައިރީގައި ހުރި ތަނަކަށެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން، މި ހަމަލާއާއެކު ބޮޑު ގޮވުމެއް ގޮވައި، ބޮޑު "މަޝްރޫމް ކްލައުޑް" އެއް (ދުމުގެ ވިލާގަނޑެއް) އުފެދިގެން ދިޔަ އެވެ.
އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން މިހާރު ދަނީ، އީރާނުން އެމެރިކާގެ މުހިންމު ތަންތަނަށް ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ރަޝިޔާ އިން އެހީތެރިވަމުންދޭ ތޯ ތަހުގީގުކުރަމުންނެވެ. އިންޓެލިޖެންސް ރިޕޯޓުތައް ބުނާގޮތުން އީރާނުގެ ޝާހިދު ޑްރޯންތަކަށް ރަޝިޔާ އިން ގެނެސްފައިވާ ބަދަލުތަކެއްގެ ސަބަބުން ހަމަލާތަކުގެ އަމާޒު ވަނީ ކުރިއަށްވުރެ މާބޮޑަށް ވެސް ރަނގަޅު ކުރެވިފަ އެވެ.
އެމެރިކާ އިން ޔޫކްރެއިން އަދި ރަޝިޔާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ މަންދޫބު، ރިޓަޔަރޑް ލެފްޓިނެންޓް ޖެނެރަލް ކީތް ކެލޮގް ވިދާޅުވީ އީރާނުގެ ހަމަލާތަކުގެ އަމާޒު ސީދާކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ރަޝިޔާ އިން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަނެއްކޮޅުން ޗައިނާ އިން މި ހަނގުރާމަ ނިމުމަކަށް ގެންނަން ބޭނުންވި ނަމަވެސް، މަޝްވަރާގެ މޭޒުދޮށަށް އީރާނު ގެނައުމުގައި އެ ގައުމަށް އެކަށީގެންވާ ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.
މިދިޔަ ޖުލައި 17 ވަނަ ދުވަހު އުރުދުންގެ މުވައްފަޤް ސަލްޓީ އެއާ ބޭސްއަށް އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި އެމެރިކާގެ ތިން ސިފައިން ވަނީ މަރުވެފަ އެވެ. އެމެރިކާގެ ޕެންޓަގަންއިން ހާމަކޮށްފައިވާ ގޮތުގައި އެ ހަމަލާގައި މަރުވެފައިވަނީ ފަސްޓް ލެފްޓިނެންޓް ޓައިލާ ޖޭ. ފީހަން، ޕްރައިވެޓް އިޒަބެލާ ގޮންޒާލޭޒް އަދި ސާޖަންޓް އޭންޖެލް އެސް. ރެމްޕަރސާޑް އެވެ.
ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ގިނަ މިސައިލްތައް ވައްޓާލެވުނު ނަމަވެސް އެއް މިސައިލް ދިފާއީ ނިޒާމުގެ ތެރެއިން ފުރޭނިގެން އައިސް އަމާޒަށް އެރީކަމަށެވެ. ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވި ގޮތުގައި ޖުލައި 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 100 އާ ގާތްކުރާ އަދަދަކަށް އެމެރިކާގެ ސިފައިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.