މިއެއްބަސްވުމުގެ ދަށުން ނިއުކްލިއަ މެޓީރިއަލް ފައްކާކުރުމުގެ ފުރުސަތެއް ނޯވެ އެވެ. އަދި މި އެއްބަސްވުން ފާސްކުރާނީ ސައުދީން އަބްރަހަމް އެކޯޑްސްގައި - އިސްރާއީލާއެކު - ސޮއިކުރުމުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއިން ސައުދީ އަރަބިއްޔާއަށް މަދަނީ ނިއުކްލިއަރ ހަކަތަ ތަރައްޤީކުރުމަށް އެހީތެރިވުމަށް ވެފައިވާ އެއްބަސްވުން ކުރިއަށްދާނީ، ސައުދީން އިސްރާއީލުގެ ދައުލަތް ބަލައިގަނެ، "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. - ބްރަހަމް އެކޯޑްސްއަކީ އިސްރާއިލަށް ރައްކާތެރިކަން ދޭން އެމެރިކާއިން މެދުއިރުމަތީގައި ހިންގާ "ޕްރޮޕެގެންޑާ" ކެމްޕޭން އެކެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ހަމައެކަނި އަސްކަރީ ނޫން ބޭނުންތަކަށް ހާއްސަ އެއްބަސްވުމެއް ކަމަށާއި، މިއެއްބަސްވުމުގެ ދަށުން ނިއުކްލިއަ މެޓީރިއަލް އެންރިޗްކުރުމުގެ (ފައްކާކުރުމުގެ) ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި މި އެއްބަސްވުން ފާސްކުރާނީ ސައުދީން އަބްރަހަމް އެކޯޑްސްގައި ސޮއިކުރުމުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މި ޝަރުޠު އެއްބަސްވުމުގެ ލިޔުމުގައި ހިމެނޭކަން ނުވަތަ ސައުދީން މިކަމަށް އެއްބަސްވެފައިވާކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވީ މި ޝަރުޠުގެ ވާހަކަ މީގެ ކުރިންވެސް ސައުދީގެ އިސްވެރިންނާ ޓްރަމްޕް ހިއްސާކުރައްވާފައިވާ ކަމަށާއި އަބްރަހަމް އެކޯޑްސްގައި ބައިވެރިނުވެއްޖެނަމަ އެއްބަސްވުން ބާތިލުވާނެކަމަށް އަންގަވާފައިވާނެ ކަމަށެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނަރޖީން ބުނާ ގޮތުގައި މިއީ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި، އެތައް ދިހަ އަހަރަކަށް ދެމިގެންދާނެ ޕާޓްނަރޝިޕެކެވެ. މީގެ ސަބަބުން ސައުދީގެ ނިއުކްލިއަ ޕްރޮގްރާމްގައި އެމެރިކާގެ ކުންފުނިތަކަށް ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އެއްބަސްވުން ރިވިއުކުރުމަށް މިހާރު ވަނީ އެމެރިކާގެ ކޮންގްރެސްއަށް ފޮނުވާފައެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ވެރިފިކޭޝަން ފިޔަވަޅުތައް ތަންފީޒުކުރުމަށް އެމެރިކާއާއި ސައުދީއާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ސައުދީން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ސައުދީން ބުނަމުން އައިސްފައިވަނީ އިސްރާއީލާއެކު ގުޅުން ގާއިމުކުރާނީ މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުން ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ޓްރަމްޕްގެ މި ނިންމުމަށް މަރުޙަބާ ކިޔާފަ އެވެ. ސައުދީން އަބްރަހަމް އެކޯޑްސްގައި ބައިވެރިވުމަކީ މެދުއިރުމަތީގެ ސުލްޙައަށް އެޅޭ ވަރަށް ތާރީޚީ ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އިސްރާއީލުގެ އިކޮނޮމީ މިނިސްޓަރު ނިރް ބަރްކަޓް ވިދާޅުވީ ސައުދީއަށް ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިއަ ހަކަތަ ލިބުނަސް އެކަން މެނޭޖްކުރެވޭނެ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ބައެއް ފަރާތްތަކުން ވަނީ މިއެއްބަސްވުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރ އަވިގްދޯ ލީބަރމަން ވިދާޅުވީ، "ކޮންމެ އަސްކަރީ ނިއުކްލިއަ ޕްރޮގްރާމެއްވެސް ފެށެނީ މަދަނީ ޕްރޮގްރާމަކުން" ކަމަށެވެ.