އެމެރިކާ އަނެއްކާ ވިޔަފާރީގެ ހަނގުރާމައަށް، 60 ގައުމުގެ މުދަލުން ޑިއުޓީ މަތިކޮށްފި

މި ނިންމުމާއެކު އެމެރިކާ އަށް އެތެރެކުރާ މުދަލުގެ 99 އިންސައްތަ ހިއްސާކުރާ 60 ގައުމަކުން އެތެރެކުރާ މުދަލުން، މީގެ ފަހުން 10 އިންސައްތައާއި 12.5 އިންސައްތައާ ދެމެދުގެ އަދަދަކަށް ޓެރިފް ނަގާނެ އެވެ.

އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް -- އޭއެފްޕީ ފޮޓޯ

ގައުމުތަކުގެ މުދަލުން ޑިއުޓީ މަތިކުރުން ހުއްޓުވަން ކޯޓުން ކުރި އަމުރުގެ މުއްދަތު ހަމަވުމާއެކު އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް 60 ގައުމެއްގެ މުދަލަށް ވަރުގަދަ ޑިއުޓީގެ "ހަނގުރާމަ" އެއް އިއުލާނުކޮށްފި އެވެ. 

ދުނިޔޭގެ ހަބަރު ފަތުރާ ނޫސްތަކުގައިވާ ގޮތުން މެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާއާ ވިޔަފާރީގެ ގުޅުން އޮންނަ 60 ގައުމަކަށް އަމާޒުކޮށް އާ ޓެރިފްތަކެއް ތައާރަފުކުރަން ނިންމާފަ އެވެ. މިއީ އެމެރިކާގެ ސްޕްރީމް ކޯޓުން ދާދި ފަހުން ޓްރަމްޕްގެ އެހެން ޓެރިފްތަކެއް ބާތިލުކުރުމާ ގުޅިގެން، ވަގުތީ ގޮތުން ނަގަމުން އައި ޓެރިފްގެ މުއްދަތު ހަމަވާ ވަގުތާ ދިމާކޮށް އެޅި ފިޔަވަޅެކެވެ.

އެމެރިކާ އަށް އެތެރެކުރާ މުދަލުގެ 99 އިންސައްތަ ހިއްސާކުރާ 60 ގައުމަކުން އެތެރެކުރާ މުދަލުން، މީގެ ފަހުން 10 އިންސައްތައާއި 12.5 އިންސައްތައާ ދެމެދުގެ އަދަދަކަށް ޓެރިފް ނަގާނެ އެވެ. އެމެރިކާ އިން މި ފިޔަވަޅު އަޅާފައިވަނީ، މި ގައުމުތަކަކީ މަޖުބޫރުކޮށްގެން މީހުން ލައްވައި މަސައްކަތްކުރުވައިގެން (ފޯސްޑް ލޭބާ) އުފައްދާ މުދާ އެތެރެކުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ގައުމުތަކެއް ކަމަށް ބުނެ އެވެ.

އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ޖޭމިސަން ގްރިއާ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މަޖުބޫރުކޮށްގެން މަސައްކަތްކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން މަނާކުރާ ގާނޫނެއް އެމެރިކާގައި އޮންނަތާ ގަރުނެއްހާ ދުވަސް ވެއްޖެ ކަމަށާއި، އެ ގާނޫނު އެގައުމުން ވަރަށް ހަރުކަށިކޮށް ތަންފީޒުކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނާ ވިޔަފާރީގެ ގުޅުން އޮންނަ ގައުމުތަކުންވެސް މިފަދައިން އަމަލުކުރަންޖެހޭ ވަގުތު ފަހަނައަޅައި ހިނގައްޖެ. މިއަދު މި އެޅި ފިޔަވަޅަކީ އިންސާނީ ހައްގުތަކާ ހިލާފު އަދި ވިޔަފާރީގެ އުސޫލުތަކާވެސް ހިލާފު ކަންތައްތަކެއް އިސްލާހުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މީހުންގެ ލާބަޔާއި މަންފާއަށް އެޅޭ ފިޔަވަޅެއް،" ގްރިއަރ ވިދާޅުވިއެވެ.

އާ ޓެރިފްތަކަށް އަމަލުކުރަން ފަށާނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ވަގުތީ ގޮތުން ނަގަމުން އައި 10 އިންސައްތައިގެ ޓެރިފްގެ މުއްދަތު ހުކުރު ދުވަހުގެ ރޭގަނޑު 12:01 ގައި ހަމަވާ ވަގުތު އެވެ. މީގެ ކުރިން ޓްރަމްޕް ވަނީ 1977 ވަނަ އަހަރުގެ 'އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވަރސް އެކްޓް' (އައިއީއީޕީ.އޭ) ގެ ދަށުން، އެމެރިކާގެ ވިޔަފާރީގެ ޑެފިސިޓަކީ ގައުމީ ކުއްލި ނުރައްކަލެއް ކަމަށް ކަނޑައަޅައި، ގާތްގަނޑަކަށް ހުރިހާ ގައުމަކުން އެތެރެކުރާ މުދަލުން ބޮޑެތި ޓެރިފް ތަކެއް ނަގަން ފަށާފަ އެވެ. ނަމަވެސް ފެބްރުއަރީ މަހު ސްޕްރީމް ކޯޓުން ވަނީ އެ ގާނޫނުގެ ދަށުން ޓެރިފް ނެގުމުގެ ބާރު ރައީސަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި އެ ޓެރިފްތައް ބާތިލުކޮށްފަ އެވެ.

ސްޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ޓްރަމްޕް ދެން ބޭނުންކުރެއްވީ 1974 ގެ ޓްރޭޑް އެކްޓްގެ ސެކްޝަން 122 އެވެ. ނަމަވެސް މި ސެކްޝަންގެ ދަށުން ޓެރިފް ނެގެނީ ހަމައެކަނި 150 ދުވަހަށެވެ. އެ މުއްދަތު ހުކުރު ދުވަހަށް ހަމަވާތީ، ޓްރަމްޕް މިހާރު މި އާ ޓެރިފްތައް ތައާރަފުކުރައްވަނީ 1974 ގެ ޓްރޭޑް އެކްޓްގެ ސެކްޝަން 301 ގެ ދަށުންނެވެ. މިއީ "ބޭއިންސާފު"، "ނުކަތާ" ނުވަތަ "ތަފާތުކުރުން" ގެންގުޅޭ ވިޔަފާރީގެ އުސޫލުތައް ގެންގުޅޭ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ރައީސަށް ދޭ މާއްދާއެކެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ޗައިނާއާ ދެކޮޅަށް ވެސް މި ސެކްޝަންގެ ދަށުން ޓެރިފްތައް ތައާރަފުކުރިއިރު، އެ ފަހަރު ކޯޓުތަކުން އެ ނިންމުން ބާތިލުކޮށްފައެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.