ލޭގައި ބަލި ހުންނަ މުއްދަތު އަވަހަށް ދެނެގަންނަ ޓެސްޓް އައިޖީއެމްއެޗަށް

މިއީ ހަދިޔާކުރާ ލޭގައި ހުރެދާނެ ނުރައްކާތެރި ބަލިތައް އެޗްއައިވީ އާއި ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް ސީ ފަދަ ވައިރަސްތައް، އާދައިގެ ޓެސްޓުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާއެކު ދެނެގަތުމަށް ބޭނުންކުރާ ޓެސްޓެކެވެ.

އައިޖީއެމްއެޗްގައި ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) އިން ޓެސްޓް ހަދަނީ -- އައިޖީއެމްއެޗް

ބަލި ހުންނަ މުއްދަތު (ވިންޑޯ ޕީރިއަޑް) އަވަހަށް ދެނެގަންނަން ދުނިޔޭގައި ބޭނުންކުރާ ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ހިދުމަތް ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުގައި ފަށައިފި އެވެ. 

ސަރުކާރު ހޮސްޕިޓަލް ހިންގާ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ އެމްޑީ އަބްދު ރައްޒާގު ހަލީމް އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސަވިސަސް (އެމްބީއެސް) ގައި މިއަދު ފުރަތަމަ ފަހަރަށް ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ. މިއީ ދިވެހިރާއްޖޭގެ ލޭގެ ހިދުމަތް ޒަމާނީ ފެންވަރަށް ގެންދިއުމުގެ މަސައްކަތުގައި ޙާޞިލުކުރެވުނު ވަރަށް މުހިއްމު އަދި ތާރީޚީ ކާމިޔާބީއެކެވެ.

އޭނާ ވިދާޅުވީ މުޅިން އަލަށް ރާއްޖޭގައި ފެށުނު މި ހިދުމަތަކީ ހަދިޔާކުރާ ލޭގައި ހުރެދާނެ ނުރައްކާތެރި ބަލިތައް ކަމަށްވާ (އެޗްއައިވީ) އާއި ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް ސީ ފަދަ ވައިރަސްތައް އާދައިގެ ޓެސްޓުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާއެކު ދެނެގަތުމަށް ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއެކެވެ. 

މި ނިޒާމުގެ ސަބަބުން، ލޭގެ ޒަރީޢާއިން ފެތުރޭ ބަލިތައް ދެނެގަތުމުގައި ހޭދަވާ މުއްދަތު (ވިންޑޯ ޕީރިއަޑް) ކުޑަކޮށްދީ، ބަލިމީހުންނަށް ލޭ އެޅުމުގައި ރައްކާތެރިކަން އެތައް ގުނައަކަށް ކަށަވަރުވެގެންދާނެ އެވެ.

ހަލީމް ވިދާޅުވި ގޮތުގައި މި ހިދުމަތް ތަޢާރަފުކުރެވިގެން ދިޔުމަކީ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި ވަޢުދުފުޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޅުނު މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރެވެ އެވެ. މީގެ މައިގަނޑު މަގްސަދަކީ ލޭގެ ހިދުމަތް އިތުރަށް ރައްކާތެރިކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައަކަށް ރާއްޖޭގެ ސިއްހި ނިޒާމު ގެނައުމެވެ. ހަމައެއާއެކު އަދި މިއީ ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތަކާއި "މޯލްޑިވްސް ތެލަސޭމިއާ މާސްޓަ ޕްލޭން 2024–2034" ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަޤްސަދުތައް ހާސިލުކުރުމަށް އެޅުނު ވަރަށް މުހިއްމު ޤައުމީ ފިޔަވަޅެކެވެ. މި ހިދުމަތާއެކު ހާއްސަކޮށް ގިނަގިނައިން ލޭ އަޅަންޖެހޭ ތެލަސީމިއާ ކުދިންނަށާއި އެހެނިހެން ބަލިމީހުންނަށް ލިބިގެންދާ ރައްކާތެރިކަމާއި ޔަޤީންކަން އިތުރުވެގެންދާނެ ކަމެކެވެ. 

ނެޓް ޓެސްޓަކީ ކޮބާ ؟- ބަލި ހުންނަ މުއްދަތު (ވިންޑޯ ޕީރިއަޑް) ކުރުވެ އެވެ. މިއީ ޓެސްޓުން ލިބޭ އެންމެ ބޮޑު ފައިދާ އެވެ. "ވިންޑޯ ޕީރިއަޑް" އަކީ މީހެއްގެ ގަޔަށް ވައިރަސްއެއް ވަންނަ ދުވަހާއި، އެ ވައިރަސް ޓެސްޓުތަކަށް ފެންނަ ދުވަހާ ދެމެދު ހޭދަވާ މުއްދަތެވެ. އާދައިގެ ޓެސްޓުތަކުން ބަލި ދެނެގަންނަނީ ހަށިގަނޑުން އެ ވައިރަސްއަކާ ދެކޮޅަށް އުފައްދާ 'އެންޓިބޮޑީސް' މެދުވެރިކޮށެވެ.ނަމަވެސް ނެޓް ޓެސްޓުން ވައިރަސް ހަށިގަނޑަށް ވަންނަތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބަލި ހުރިކަން ދެނެގަނެވޭނެ އެވެ. އަދި ވައިރަސް ސީދާ ދެނެގަތުމުގެ ގާބިލްކަން އިތުރުވެ އެވެ. އާދައިގެ ޓެސްޓުތަކާ ޚިލާފަށް ނެޓް އަކީ އެޗައިވީ ހެޕަޓައިޓިސް ބީ އަދި ސީ ފަދަ ނުރައްކާތެރި ވައިރަސްތަކުގެ ޖެނެޓިކް މެޓީރިއަލް ޑީއެންއޭ ނުވަތަ އާރުއެންއޭ ސީދާ ދެނެގަންނަ ޓެސްޓެކެވެ. އެހެންކަމުން މިއީ ނަތީޖާގެ ޔަޤީންކަން އެތައް ގުނައަކަށް ބޮޑު، ވަރަށް ސެންސިޓިވް ޓެސްޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.