ހިދުމަތް ފަށާ ފުރަތަމަ 3 އަހަރު، ކޮންމެ މަހަކު ހިލޭ ސާބަހަށް 50 ގަޑިއިރަށް ސިއްހީ ކުއްލި ހާލަތްތަކުގައި އުފުލަން ޖެހެ އެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށްޓަކައި، މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޚާއްސަ އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުނުކުރެވޭ ހުރަސްތައް ހުރުމުން، ރެޔާއި ދުވާލު އަދި ކޮންމެ މޫސުމެއްގައިވެސް ޓޫރިސްޓުން އުފުލޭނެ ނިޒާމެއް ޤާއިމުކުރުމަކީ މިހާރު ކޮންމެހެން ބޭނުންކަން ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ދެވަނަ އާރްއެފްޕީ ގެ މަސައްކަތްތައް ނިމި، މިހާރު އޮޕަރޭޓަރުން ހުށަހެޅި އޮޕަރޭޝަނަލް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުމުގައި އަންނަ މަހު ފެށުމަށްފަހު އެންމެ ގިނަވެގެން 10 އަހަރު ދުވަހު ހުއްދަ ދޭނެ އެވެ. އަދި އެންމެ ލަސްވެގެން އަންނަ އަހަރު މި ހިދުމަތް ފެށޭނެ އެވެ.
ރާއްޖޭގައި 1980ގެ އަހަރުތަކުގެ ފަހުކޮޅާއި 1990ގެ އަހަރުތަކުގައި ރާއްޖޭގެ ރިސޯޓުތަކަށް ޓޫރިސްޓުން އުފުލުމަށް އަމިއްލަ ހަމްބާޑް ފަދަ ކުންފުނިން ހެލިކޮޕްޓަރުގެ ޚިދުމަތް ދީފައިވެ އެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ ޚިދުމަތް ދެމެހެއްޓޭގޮތެއް ނުވިއެވެ.