އެސްއޯއީ ހަރުދަނާ ކުރަން ފިޔަވަޅެއް | އޯޓީތައް އެއްހަމަ ކުރަން އެނގުމެއް

ޕީސީބީއިން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި އިރުޝާދުދީފައިވަނީ ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު ބަދަލުކުރުމަށެވެ.

ޕީސީބީއިން އެކި ދާއިރާތަކާއެކު ބާއްވަމުންދާ ބައްދަލުވުންތަކުގެ ބައެއް -- ޕީސީބީ

އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުޙިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭ އޯޓީ އެއްހަމަ ކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކަށް އަންގައި ފިއެވެ.

ޕީސީބީގެ މި އެންގުން އައިސްފައިވަނީ އެސްއޯއީތައް އިސްލާހު ކުރަން ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ވަގުތުތެއްގަ އެވެ.

ޕީސީބީއިން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި އިރުޝާދުދީފައިވަނީ ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު ބަދަލުކުރުމަށެވެ. މި ނިންމުމުގެ މަގުސަދަކީ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުމެވެ.

މިހާރު ވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުން އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި މި އައު 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ޚަރަދު ކުޑަ ގޮތެއް އިޚްތިޔާރުކުރުމަށް ޕީސީބީއިން ވަނީ އަންގާފަ އެވެ.

މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި އިތުރުގަޑީގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން، ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި، ޚިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕީސީބީ އިން އަންގާފައިވަނީ 30 ޖުލައި 2026 ގެ ކުރިން ކުންފުނިތަކުގެ އޯޓީ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަށެވެ. މި އިސްލާހުކުރެވޭ އުސޫލުތަކަށް އަމަލުކުރަން ފަށާނީ 1 އޯގަސްޓް 2026 އިން ފެށިގެންނެވެ.
ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދާނާކޮށް އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށްކުރަމުންދާ މަސައްކަތުގެ ތަރެއިން، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށްވެސް ކުންފުނިތަކަށް ޕީސީބީއިންވަނީ މީގެ ކުރިން އަންގާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.