ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ މި އަހަރު 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރު ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް % 86 އިތުރުވުމެކެވެ.

ތެލުގެ އަގު ބޮޑުވުމާއެކު ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް ބަޖެޓުން ކުރި ހަރަދާއެކު، ރާއްޖޭގެ ސަބްސިޑީގެ ނަމްބަރު 3.13 ބިލިއަނަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މީގެ ތެރޭގައި ކާޑާއި، ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، އަދި ކުނި މެނޭޖުކުރުން ހިމެނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ތަކެއްޗާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދާއި ކޮންޓްރޯލް އަގުގެ ފަރަގަށްވާ ފައިސާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެ އެވެ. މިގޮތުން ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ މި އަހަރު 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރު ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 އިންސައްތައިގެ އިތުރުވުމެއްކަމަށް މާލީ އިދާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުތަނުން އިތުރުވުމެވެ. އެގޮތުން، ތެލުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު ހޭދަކުރި 702.1 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މި އަހަރު ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރި ދާއިރާއެވެ. ތެލުގެ ސަބްސިޑީއަށް ކުރާ ޚަރަދު އިތުރުވެފައި ވަނީ މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ބޮޑުތަނުން އިތުރުވުމުންނެވެ.
ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ވެސް ވަނީ 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ހޭދަ 33.9 މިލިއަން ރުފިޔާއިން 90.6 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. ދަތުރުފަތުރުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު 128.5 މިލިއަން ރުފިޔާ ހޭދަކުރިއިރު، 2026 ވަނަ އަހަރު އެ އަދަދު ވަނީ 201.6 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަ 199.4 މިލިއަން ރުފިޔާއިން 243.9 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
މިދާއިރާތަކުން ހޭދަ އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އަދި ނަރުދަމާގެ ޚިދުމަތުގެ ސަބްސިޑީ އަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.