މޯލްޑިވްސް ވިޒިޓާސް ސާވޭ 2025 ގައިވާ ގޮތުން އަންނަ މީހުން އަންނަނީ ރީތި ބީޗުތަކާއި ކަނޑުއަޑި ބަލާށެވެ.

ދަތުރުވަރެއްގައި ޗުއްޓީ ހޭދަކޮށްލާ ބޭރު މީހުންގެ ފުރަތަމަ އިހްތިޔާރަކީ އަދިވެސް ރާއްޖެ ކަަމަށާ، ރާއްޖެ އަންނަ ޓޫރިސްޓުންގެ 70 ޕަސެންޓް މީހުންނަކީ އަލަށް އަންނަ މީހުން ކަމަށް މިދިޔަ އަހަރު ހެދި މޯލްޑިވްސް ވިޒިޓާސް ސާވޭ އިން ދައްކައިފި އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ ހިޔާލުގެ މައްޗަށް ބަލައި ޓޫރިޒަމް މިނިސްޓްރިޒް ސީޑީސީ ކޮންސެލްޓިން ކުންފުންޏާ ހަވާލުކޮށްގެން ހެދި މޯލްޑިވްސް ވިޒިޓާސް ސާވޭ 2025 ދައްކާ ގޮތުން ރާއްޖެ އައި ޓޫރިސްޓުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ (ގާތްގަނޑަކަށް %80) ޓޫރިސްޓުން ރާއްޖެ އިހްތިޔާރުކުރީ އެ މީހުންގެ އެންމެ ފުރަތަމަ ޗޮއިސްގެ ގޮތުގަ އެވެ. މިއީ 2022 ގެ ފަހުން މި ސާވޭ ހެދި ފުރަތަމަ ފަހަރެވެ.
"މިއީ ދުރު ރާސްތާގެ އެހެން ޖަޒީރާ މަންޒިލްތަކާ އަޅާބަލާއިރު ރާއްޖޭގެ ވާދަވެރިކަން ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ރާއްޖެއަކީ މައިގަނޑު ގޮތެއްގައި ވަކި ވަކި މަންޒިލެއްގެ ގޮތުގައި ތަޖުރިބާކުރާ ތަނެކެވެ. ތިންބައިކުޅަ ދެބައި ފަތުރުވެރިން ދަތުރުކުރަނީ ހަމައެކަނި ރާއްޖެއަށެވެ. މިއީ އެހެން ދަތުރެއްގެ ބައެއްގެ ގޮތުގައި ނޫންކަމާއި، ރާއްޖެއަކީ މައިގަނޑު ދަތުރުގެ މަންޒިލެއްކަން ސާބިތުކޮށްދޭ ކަމެކެވެ،" މި ސާވޭގެ ހުލާސާގައި ބުނެފައިވެ އެވެ.
މި ސާވޭއިން އެނގޭ ގޮތުގައި ރާއްޖެއަކީ އަގު ބޮޑު މަންޒިލެއްގެ ގޮތުގައި ދެކޭތީ ދަތުރު ރާވަނީ ވިސްނުންތެރިކަމާއެކު ދުރާލާ ޕްލޭންކޮށްގެންނެވެ. އެގޮތުން ގިނަ ޓޫރިސްޓުން ދަތުރުކުރުމަށް ނިންމަނީ ދަތުރުގެ ތިން މަހާއި 12 މަހާ ދެމެދުގެ މުއްދަތެއް ކުރިންނެވެ. އަދި ބުކިން ހެދުމުގެ ހަރަކާތްތައް އެންމެ ގިނައީ ރާއްޖެ އައުމުގެ އެއް މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއްގެ ކުރިންނެވެ. އަދި ޓޫރިސްޓުން އާންމުކޮށް ތިބޭ މުއްދަތަކީ ހަތަރު ރެއާއި ހަތް ރެއާ ދެމެދުގެ މުއްދަތެކެވެ. ކެއުމުގެ ޕްލޭންތަކަށް ބަލާއިރު، ގިނަ މީހުން ޚިޔާރުކުރަނީ "އޯލް-އިންކްލޫސިވް" އަދި "ފުލް-ބޯޑް" އޮޕްޝަން ތަކެވެ. މިއީ ރިސޯޓް މޮޑެލްގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ނަމަވެސް، ރިސޯޓުން ބޭރުގައި ފަތުރުވެރިން ކުރާ ހޭދަ ކުޑަކަން އަދި އިގްތިސާދީ ގޮތުން މުޅި ގައުމަށް މީގެ ނަފާ ފެތުރިގެންދިއުމުގައި ހުރި ހުރަސްތައް ފާހަގަކޮށްދޭ ކަމެކެވެ.
ސާވޭއިން އެނގޭ ގޮތުން ދަތުރުގެ ޚިޔާލުތަކާއި ޕްލޭންތައް ހެދުމުގައި އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ ރައްޓެހިންގެ ލަފަޔާއި، ސޯޝަލް މީޑިއާ އަދި އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުންނެވެ. މިއީ މަންޒިލެއް އިހްތިޔާރުކުރުމުގައި އިތުބާރު ހުރި ފަރާތްތަކުގެ ނުފޫޒާއި ތިންވަނަ ފަރާތްތަކުގެ ބަސް މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. ބުކިން ހެދުމާއި މައުލޫމާތު ހޯދާ ގޮތްތަކަށް ބަލާއިރު، މިއީ ޑިޖިޓަލް ނިޒާމެއްކަން އެނގެ އެވެ. ގިނަ ޓޫރިސްޓުން ފްލައިޓްތަކާއި ހުންނާނެ ތަންތަން ވަކިވަކިން ބުކް ކުރި ނަމަވެސް، ބައިނަލްއަގުވާމީ ޓްރެވަލް އެޖެންޓުން، އެއާލައިން-ޑައިރެކްޓް ޗެނަލްތައް، އަދި ޑައިރެކްޓް ބުކިންތައް މާކެޓްގައި ބޮޑު ބައެއް ހިއްސާކުރެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން ދަތުރާމެދު އޮންނަ ހިތްހަމަ ޖެހުން ބޮޑެވެ. މިއީ ރާއްޖޭގެ އެންމެ މުހިންމު އެއް ސްޓްރެޓީޖިކް އެސެޓެވެ. ސާވޭގައި ބައިވެރިވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ބުނި ގޮތުގައި އެ މީހުންގެ ތަޖުރިބާ އުންމީދު ކުރިވަރަށް ވުރެ މާ ރަނގަޅެވެ. އަދި މާޔޫސްވީ %5 އަށް ވުރެ މަދު ބައެކެވެ. ގިނަ ޓޫރިސްޓުން އެހެން މީހުންނަށް ރާއްޖެ ސިފަކޮށްދީ ލަފާދޭނެ ކަމަށް ބުނެފައިވާއިރު، އަލުން އެނބުރި އައުމުގެ ޝައުގުވެރިކަންވެސް ބޮޑު ކަމަށް ސާވޭގައި ބައިވެރިވި ގިނަ ބަޔަކު ބުނެފައިވެ އެވެ.