އިންޑިއާގެ ހިލޭ އެހީގައި 42 ރަށެއްގެ ފިޓްނެސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު

ރާފިޢު ވިދާޅުވީ، މި އެއްބަސްވުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ، އަދި ޒުވާނުން ބާރުވެރިކުރުވުމަށާއި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެ ގައުމުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރުން. | ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ. 

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު، އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މި އެއްބަސްވުމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށާއި، މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ، އަދި ޒުވާނުން ބާރުވެރިކުރުވުމަށާއި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެ ގައުމުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރުން. | ފޮޓޯ: ފޮރިން މިނިސްޓްރީ

ވަޒީރު ވިދާޅުވީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުންނާއި ދުރުމިނުގެ ސަބަބުން ވަސީލަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކަށް މި މަޝްރޫއުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ. 

އަދި ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވީނަމަވެސް، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ރައްޔިތުންގެ ދޮރުމައްޗަށް ގެނެސްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ސަގާފީ ގުޅުން، ވިޔަފާރިއާއި، ސަލާމަތީ ކަންކަމާއި، ތައުލީމީ ދާއިރާއިން އިތުރަށް ވަރުގަދަވަމުންދާ ކަމަށެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި އިންޑިއާގެ މުސްތަގުބަލު ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ގުޅުން އިތުރަށް ކުރިއަރައި، ކުރިއަށް އޮތް ޖީލުތަކަށް ހިތްވަރު ލިބޭނެ ފަދަ ނަމޫނާއަކަށް މިކަން ވެގެންދިއުމަށް އުންމީދުކުރައްވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.