ރައީސް އޮފީހުން މިއަދު ބުނީ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަން ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ އައްޔަނުކުރައްވައިފި އެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އަމީޒާގެ އިތުރުން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲގެ ނަމެވެ.
އެ ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި އަމީޒާ އެ މަގާމަށް އައްޔަނުކުރުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަން ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އަމީޒާ ވަނީ، މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފަ އެވެ.
އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ، އަމީޒާ ވަނީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން މަސައްކަތްކުރައްވާފަ އެވެ.
އަމީޒާގެ ޚިދުމަތުގެ ދިގު މުއްދަތުގައި، މީރާގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިވެ އެވެ.
އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓާ އޮފް ސައިންސް އިން އެކައުންޓިން އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީއިން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފަ އެވެ.