މިދިޔަ ޖޫން މަހު މުދަލުގެ އަގުތައް ވަނީ %2.17 އުފުލިފަ އެވެ. އަދި ފާއިތުވި 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު އަގުތައް ވަނީ %8.04 އުފުލިފަ އެވެ.

މިދިޔަ ޖޫން މަހު މާލޭގައި އަސާސީ މުދަލުގެ އަގުތައް 2.7 ޕަސެންޓް އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފި އެވެ.
އަސާސީ މުދާ ނުވަތަ "އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް" (އީ.ސީ.ޕީ.އައި) ހިމެނޭހެން ނެރެފައިވާ އަގު ލިސްޓުގައިވާ ގޮތުން މިދިޔަ ޖޫން މަހު މުދަލުގެ އަގުތައް ވަނީ %2.17 އުފުލިފަ އެވެ. އަދި ފާއިތުވި 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު އަގުތައް ވަނީ %8.04 އުފުލިފަ އެވެ.
ކާބޯތަކެތި - މެއި މަހާ އަޅާބަލާއިރު ޖޫން މަހު ކާބޯތަކެތީގެ އަގުތައް ވަނީ %2.85 އުފުލިފައެވެ. އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ތަރުކާރީ (%20.86) އަދި ކިރާއި ބިހުގެ ބާވަތްތަކުންނެވެ (%1.75) އެވެ. ނަމަވެސް، އެއްގަމު މަސް (%0.98-)، ކަނޑުމަސް (%0.45-) އަދި މޭވާގެ ބާވަތްތަކުގެ އަގު (%0.07-) ވަނީ ދަށަށް ގޮސްފައިވެ އެވެ.
މި އަދަދު އަހަރު ދުވަހަށް ބަލާއިރު މަތިވެފައިވާ ކަމަށް ދައްކަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު ވަނީ %8.60 އުފުލިފަ އެވެ. މި ބައިން ބުއިންތަކަށް ބޭނުންކުރާ ތަކެތީގެ އަގުތައް މެއި މަހާ އަޅާބަލާއިރު %0.64 ވަނީ އުފުލިފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކޮފީ (%1.85) އަދި ސައިފަތުގެ ބާވަތްތަކުންނެވެ (%0.75) މަތިވެފަ އެވެ. އަދި ގޭހާއި އެހެނިހެން ތެލުގެ އަގުތައް މެއި ޖޫންގައި ބަދަލެއް އައިސްފައެއް ނުވެ އެވެ.
ނަމަވެސް 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ %14.54 އުފުލިފަ އެވެ. އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި (ޕާސަނަލް ކެއާ ޕްރޮޑަކްޓްސް) ގެ އަގުައް މެއި މަހާ އަޅާބަލާއިރު ޖޫން މަހު ވަނީ %0.17 ދަށަށް ގޮސްފަ އެވެ.
ދައުލަތުގެ ބަޖެޓާއި ފިނޭންސް މިނިސްޓްރީގެ މެކްރޯއިކޮނޮމިކް އަންދާޒާތަކަށް ބަލާއިރު، މި އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތީގަ އެވެ. މިގޮތުން ސަބްސިޑީ ނިޒާމަށް ގެންނަން ރާވާފައިވާ ބަދަލުތަކާއެކު މި އަހަރުގެ އިންފްލޭޝަން ރޭޓް 3.9% އާއި 5% އާ ދެމެދުގެ މިންވަރަކަށް އުފުލޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ ކުރީ އަހަރުތަކުގައި ރާއްޖޭގެ އިންފްލޭޝަން ނިސްބަތް އާންމުކޮށް ހުރީ 2% އާއި 3% އާ ދެމެދުގައެވެ.