އެމެރިކާތެ ތަޖުރިބާކާރެއް ކަމަށްވާ ޑޭވިޑް ޑެސް ރޯޗެސް އަލްޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި މި ގެއްލުމުގެ ޒިންމާ ޓްރަމްޕް އުފުލަން ޖެހޭނެެ އެވެ.

އުރުދުންގައި ހުންނަ އެމެރިކާ ސިފައިން ތިބި ތަނަކަށް އީރާނުން ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ޒިންމާވާން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
ޕެންޓަގަންގެ ޑިރެކްޓަރ އޮފް އަރަބިއަން ޕެނިންސިއުލާ އެފެއާޒްގެ މަޤާމުވެސް ކުރިން ފުރުއްވާފައިވާ ޝަލް އިންސްޓިޓިއުޓްގެ ޕްރޮފެސަރު ޑޭވިޑް ޑެސް ރޯޗެސް ފާހަގަކުރެއްވި ގޮތުގައި، އުރުދުންގައި އެމެރިކާގެ ދެ ސިފައިން މަރުވި ހާދިސާގައި، އީރާނެކޭ އެއްފަދައިން އެމެރިކާގެ ރައްޔިތުން ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ޒިންމާކުރާނެ ކަމަށް ބެލެވެއެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޑެސް ރޯޗެސް ވިދާޅުވީ، ޕެންޓަގަންގެ ނިންމުންތައް ބިނާވާނީ މައިގަނޑު ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އެވަގުތަކު ބޭނުންކުރެވެން ހުރި ވަސީލަތްތަކާއި މަގުތައް އަދި މައްސަލަ ޙައްލުވުމާ ގާތްވެފައިވާ މިންވަރާއި މަޝްވަރާގެ އުސޫލުން މައްސަލަ ޙައްލުކުރެވިދާނެތޯ ބެލުން އަދި އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަޙު އޮތްގޮތް ހިމެނެ އެވެ.
"މިއީ ހަމައެކަނި ބަހަނާއެއްހެން ހީވިނަމަވެސް، ހަގީގަތުގައިވެސް ފިޔަވަޅު އަޅާނީ ޙާލަތަށް ބަލައިގެން،" އޭނާ ވިދާޅުވިއެވެ.
މިފަދައިން ވިދާޅުވި ސަބަބު ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ މި ހަނގުރާމަ ފެށުމުގެ ކުރިން ރައީސް ޓްރަމްޕް އެކަމަށް އެމެރިކާގެ ރައްޔިތުން ހޭލުންތެރިކޮށް، އެތެރޭގެ މާޙައުލު އެކަމަށް ތައްޔާރުކޮށްފައި ނުވާކަމަށެވެ. "އެހެންކަމުން މީހުން ޓްރަމްޕްވެސް އީރާނާ އެއްވަރަކަށް ކުށްވެރިކުރާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ބޭނުންވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަސްކަރީ ގޮތުން ބިރުދެއްކުމުގެ ބާރު (ޑިޓަރެންސް) ޤާއިމުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަސްކަރީ ފަރާތްތަކުން ދެކޭކަމަށްވެސް ޑެސް ރޯޗެސް ވިދާޅުވިއެވެ.
އީރާނުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އުރުދުނަށް ދިން ހަމަލާގައި މަދުވެގެން 50 ސިފައިންނަށް ގެއްލުންވެފައިވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެމެރިކާ އިން އެކަން ކުރިން ދޮގު ކުރި އެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނީ ޖޯޑަންގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވެފައިވާކަން ކަށަވަރުކޮށްދީފިއެވެ. އެމެރިކާ ސިފައިން ބުނެފައިވާ ގޮތުގައި އީރާނުގެ ހަމަލާގައި ސިފައިންގެ 2 މީހަކު ވަނީ މަރުވެފަ އެވެ. މި ހަމަލާތަކާ ގުޅިގެން ޖޯޑަންގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ ސިފައިންގެ އިތުރު މީހަކު ގެއްލިފައިވާ ކަމަށްވެސް އެމެރިކާ ސިފައިން ބުނެފައިވެ އެވެ. ނަމަވެސް އެމީހާއަށްވީ ގޮތެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މީގެ އިތުރުން 4 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.