މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި 100 އިންސައްތަ ދިވެހިންގެ މިލްކުވެރިކަން އޮންނަ ކުންފުނިތަކަށެވެ.

ހައުސިން މިނިސްޓްރީން މި އިއުލާނުކޮށްފައިވަނީ ގްރޭޓާ މާލެ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް އެފޯޑަބަލް ހޯމް އޯނާޝިޕް ޕްރޮގްރާމް" ގެ ދަށުން އެވެ. މި މަޝްރޫއުގެ ދަށުން މި ޕްލެޓުތައް އަޅާ އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްގެން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ބޭނުމަކީ އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ރޭވުންތެރިކަމާއެކު ރަށްތައް ތަރައްޤީކުރުމުގެ އިތުރުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުމެވެ. މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި 100 އިންސައްތަ ދިވެހިންގެ މިލްކުވެރިކަން އޮންނަ ކުންފުނިތަކަށެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މި އިމާރާތްތަކުގައި ޕާކުކުރެވޭނެ އެކަށީގެންވާ ނިޒާމެއް ހުންނަންޖެހޭއިރު، އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ ހާއްސަ ކުރަންޖެހޭނީ ވިޔަފާރީގެ ބޭނުންތަކަށެވެ.
ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫޢުތަކަށް ބޭނުންވާ ބިން ސަރުކާރުން ހިލޭ ފޯރުކޮށްދޭނެއެވެ. އަދި ބިން ޙަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ޔުނިޓްތައް ޙަވާލުކުރަން ޖެހެ އެވެ.
މި މަސައްކަތަށް ހޮވޭ ޑިވެލޮޕަރުންނަކީ މާލީ ގޮތުން ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު، އަދި ޤައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޝްރޫޢުތައް ހިންގުމުގެ ޤާބިލުކަންހުރި ފަރާތްތަކަކަށް ވާންޖެހޭނެކަމަށް ވުޒާރާއިން ބުނެފައިވެ އެވެ.