އީރާން - އެމެރިކާ ހަނގުރާމަ ހޫނުވެ ދުނިޔެ ނުރައްކަލާ ދިމާލަށް

އެމެރިކާއިން ހަމަލާދޭތީ އީރާނުން ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. މިކަމުގެ ސަބަބުން ވަނީ އިތުރު ނުރައްކަލެއް ފެށިފަ އެވެ.

އެމެރިކާއިން ހަމަލާދީ ހަލާކުކޮށްލާފައިވާ އީރާނުގެ ބްރިޖެއް -- ރޮއިޓާސް ފޮޓޯ

އެމެރިކާއިން އީރާނަށް ދުރާލާދީ ހަމަލާ ދޭން ފެށުމާއެކު، މިފަހަރު ފެށިފައިވާ ކުރިމަތިލުން ހޫނުވެ ދުނިޔެއަށް އިތުރު ނުރައްކަލާ ކުރިމަތިވެއްޖެ އެވެ. 

އެމެރިކާއިން އީރާނަށް ހަމަލާދޭތާ ހަފުތާއެއް ވެފައިވާއިރު، އީރާނުން ކުވޭތާއި ގަތަރު ފަދަ އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ދެކުނުގައިވާ، ސްޓްރެޓީޖިކް ގޮތުން މުހިންމު ބަންދަރު އައްބާސް އާ ގުޅިފައިވާ މުހިންމު ބްރިޖު ތަކެއް ވަނީ ހަލާކުކޮށްލާފަ އެވެ.

މީގެ ރައްދުގައި އީރާނުން ވަނީ މެދުއިރުމަތީގެ އެކި ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. އުރުދުންގެ އަސްކަރިއްޔާ އިން ވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަން އީރާނުގެ 10 މިސައިލެއް ވައްޓާލާފަ އެވެ. އަދި ކުވޭތުން ވެސް ވަނީ އެ ގައުމަށް އަމާޒުވި ގިނަ ހަމަލާތަކެއް ވައިގެ ތެރޭގައި ދިފާޢުކޮށްފަ އެވެ. އީރާނުން ވަނީ ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ބްރިޖުތަކަކަށް ހަމަލާދީފަ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފައިވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރްމޫޒް ކަނޑުއޮޅި މިހާރު އެއްކޮށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި މައިން ހަރުކޮށްފައިވުމުގެ ސަބަބުން ދެ ތެޔޮ ޓޭންކަރެއް ގޮވާފައިވާ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

އައިއާރުޖީސީން ވަނީ އެމެރިކާގެ ހަމަލާތައް ނުހުއްޓާނަމަ، އެ ސަރަހައްދުން އެއްވެސް ބާވަތެއްގެ މުދަލެއް ނުވަތަ ތެލުގެ ބާވަތެއް ބޭރުނުކުރެވޭނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން، ގަތަރުގެ އަލް އުދައިދު އެއާ ބޭސްއަށް ދިން ވަރުގަދަ ހަމަލާއެއްގައި އެމެރިކާގެ ދުރު ރާސްތާ ރޭޑާ ސިސްޓަމަކާއި ސްޓްރެޓީޖިކް ތެޔޮ އަޅާ ބޯޓުތަކެއް ހަލާކުކޮށްލާފައިވާ ކަމަށާއި، ބޫޝެހެރް ޕްރޮވިންސްގެ މަތިން އެމެރިކާގެ އެމްކިއު-9 ޑްރޯނެއް ވައްޓާލާފައިވާ ކަމަށްވެސް އީރާނުން ވަނީ ދައުވާކޮށްފައެވެ. ހަމައެހެންމެ، އީރާނުގެ ދެކުނުގައިވާ ހޮރްމޮޒްގާން ޕްރޮވިންސްގެ ފެނާއި ކަރަންޓުގެ ވަސީލަތްތަކަށްވެސް ވަނީ ހަމަލާ އަމާޒުވެފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ބަޙްރައިންގައި ކުއްލި ނުރައްކަލުގެ އިންޒާރުގެ ރަނގަބީލު އަޅާފައިވާއިރު، ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖް ސަރަހައްދުގައިވެސް ވަނީ ރައްކާތެރިކަމުގެ އެލަރޓް ނެރެފައެވެ. އަދި އީރާނުގެ މެދުތެރޭގައި އޮންނަ ޔަޒްދް ސިޓީގައިވެސް ވަރުގަދަ 5 ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. އީރާނުގެ އިސް ކޮމާންޑަރުން ވަނީ އެމެރިކާއިން ހަމަލާތައް ނުހުއްޓައިފިނަމަ، މުޅި ސަރަހައްދަށް ފެތުރޭފަދަ ފުރިހަމަ ހަނގުރާމައަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.