މިތާ ހަމައެކަނި ޕާކިން ނުހަދާ ވިސްނަންވީ އުސްކޮށް

ހަމައެކަނި 500 ސައިކަޕް ޕާކު ކުރަން ހަދާ ސަރަހައްދު ކުޑަ މަސައްކަތެއް ކޮށްލައިގެން އުސްކޮށް ހައިފިނަމަ ޕާކިންގެ އިތުރުން ފެހި ޕާކަކާއި ރެސްޓޯރެންޓް އަދި މިނޫންވެސް ވަސީލަތް ގާއިމް ކުރެވިދާނެ އެވެ.

ސައިކަލް ޕާކު ކުރަން ހިއްކި ސަރަހައްދުގައި އިމާރާތެއް ހެދިދާނެ ގޮތުގެ އޭއައި ކުރެހުމެއް

ކޮވިޑުގެ ބަލިމަޑުކަން ފެށުމުގެ އެއް އަހަރު ކުރި އެވެ. އިއްތިފާގަކުން ނަމަވެސް 11، ނޮވެމްބަރު 2019 ގައި ހުރެވުނީ ސްޕެއިންގެ ބާސެލޯނާގެ އަސްރޭރި ފަށުގަ އެވެ. އެއް ދުވަހެއްގެ އިރުއޮއްސުމާއެކު މި ސިޓީގެ ރީިތ ދިއްލުންތަކާއި އަލިތަށް ބަލައިލަން ރަށު ތެރެއަށް ނުކުތީމެވެ. ނުކުމެ ހިނގަމުން ދަނިކޮށް މެދުން ފެން ދައުރުކުރާ ގޮތަށް ހަދާފައިވާ ސަރަހައްދަކަށް ދެވުނެވެ. މި ސަރަހައްދުގެ އެއް ފަރާތުގައި ފެރީ ބަނދަރުކުރާ ސަރަހައްދެއް އޮތެވެ. އިރުކޮޅެއް ފަހުން ހެޔޮވަރުގެ ބޮޑު ފެރީއެއް އެތަނަށް އައިސް ބަނދަރުކޮށްލައިފި އެވެ. އޭގެން މީހުން ފައިބައިގެން އަހަރެން ކައިރިން އަޅާފަ ގޮސް އެތަނުގައި ހުރި އިމާރާތެއްގެ ތެރެއަށް ވަދެއްޖެ އެވެ. އެތަނަށް ދިޔައިރު ހަގީގަތުގައި މިއީ ފެރީ ޓާމިނަލް އެކެވެ. ބަލާބެލުމަށް ހޮޓަލެއްގެ ގޮތުގައި މާބޮޑުނޫން އެ އިމާރާތުގައި ހިދުމަތް ފުރިހަމަ އެވެ. ތިރީގައި ހުރީ ޕާކިން ވަސީލަތްތަކެވެ. ޖެހިގެން ހުރި ފްލޯގައި ހުރީ ކެއިން ބުއިމުގެ ވަސީލަތްތަކެވެ. އަދި އެއަށްވުރެ މަތި ހާއްސަވަނީ ފިހާރަތަކާއި ފާހާނާ އާއި ކުޅިވަރު ކުޅެވޭނެ އިންތިޒާމު ތަކަށެވެ. މި އިމާރާތުގެ ބޮޑުމިން ބިމުގެ ސައިޒުން ބަލާނަމަ ވެލާނާގެއަށް ވުރެ އެންމެ ތަންފުކެއް ވެސް ބޮޑެއް ނުވާނެކަން ޔަގީނެވެ. 

އެ ދުވަހު އެތަނަށް ދިޔަ ހަނދާން އާވީ މިހާރު މާލޭގެ މޫނު މައްޗަށް ސަރުކާރުން ގެންނަން ބަަދަލު ފެނުމުންނެވެ. ބޮޑުތަރުކުފާނު ބާސެލާސް ނަސަންދުރަ ހޮޓަލުން އެއް ނަމްބަރު ފާލަމާ ހަމައަށް ފުރިހަމަކޮށް ރީތިކޮށް ތާރު އަޅައި މިނިވަން ދުވަހުގެ ކުރިން ހުޅުވާނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ ޕޮޓްކާސްޓުގައި ވިދާޅުވެފައިވާ ގޮތުގައި މިތަން ނިމުމުން ދެން އެ ސަރަހައްދުގެ މަގުމަތީގައި ޕާކެއް ނުކުރެވޭނެ އެވެ. ސައިކަލް ޕާކު ކުރަން ޖެހޭނީ ބޭންކްތައް ދޮރުމަތީ ޕާކިންއަށް ހިއްކައިގެން ހެދި ސަރަހައްދުގަ އެވެ. އެތަނުގައި 500 ސައިކަލް ޕާކު ކުރެވޭނެ ޖާގަ އޮންނާނެ އެވެ. މާނައަކީ ސައިކަލު ވަދެ ނުކުމެ އުޅޭނެ މަގު ހިމަނައިގެން އާންމު މިންގަނޑުތަކަށް ބަލާނަމަ އާންމުކޮށް އެއް ސައިކަލަށް ބޭނުންވާ ޖާގަ ނުވަތަ ޕާކުކުރާ ގޮޅި އެކަނި އޮންނާނެ ކަމަށް ބެލިނަމަވެސް "ހައިވެލިއު" މި ލޭންޑުން ގާތްގަނޑަކަށް 2 އަކަމީޓަރު ނުވަތަ 21 އަކަފޫޓުގެ 500 ގޮޅި އެ ސަރަހައްދުން ކޮންމެ ސައިކަލަކަށް ލިބޭނެ އެވެ.މިއީ ވަދެ ނުކުމެ އުޅޭނެ މަގާއެކު އެއް ސައިކަލަށް ބަލާނަމަ ގާތްގަނޑަކަށް 3 އަކަމީޓަރު ނުވަތަ 32-27 އަކަފޫޓުގެ ރޭއިރާ އެކެވެ. އަދި ވަރަށް ބޮޑަށް ފިއްތައިގެން މާލޭގެ މަގުމަތީގައި އާންމުކޮށް ހުންނަ ގޮތަށް ހުންނަ ޕާކުކުރާ ނަމަ ގާތްގަނޑަކަށް 1,000 އަކަމީޓަރު ނުވަތަ 10,760 އަކަފޫޓުގެ ބޮޑު ރޭއިރާއެއް ކަމަށް ބެލިދާނެ އެވެ.

މިއީ ކުޑަ ހިސާބެކެވެ ؛ މާނައަކީ މާލޭގެ އެންމެ ހިތްގައިމު އަދި ވިޔަފާރީގެ "ހިތު" ގެ ގޮތުގައި ބެލިދާނެ މި ޕްރިމިއަމް ސަރަހައްދު މި ދޫކޮށްލަނީ ހަމައެކަނި ސައިކަލް ޕާކު ކުރާށެވެ. ރާއްޖޭގެ ގުދުރަތީ ނޫކުލައިގެ ކަނޑާއި ސާފު ޖައްސު ފެންނަ "ސީ ވިއު" މި ދޫކޮށްލަނި ހަމައެކަނި ޕާކިން އަށެވެ. ހަމައެކަނި ސައިކަލް ގެންގުޅޭ މީހުންގެ "ހައްގު" ގަ އެވެ. ނޫނީ ހަމައެކަނި ޓްރެފިކަށް ފަސޭހަ ކުރުމަށެވެ. އިގްތިސޯދީ ބޭނުންތެރިކަމާއި ސިޓީއެއް ފުރިހަމަ ކުރަން ބޭނުންވާ ވަސީލަތް ގާއިމް ކުރެވެން އޮތް ތަނެއްގައި ހަމައެކަނި ސައިކަލް ޕާކު ކުރަން ދޫކޮށްލުން މިއީ އެންމެ ބުއްދިވެރި ގޮތް ހެއްޔެވެ؟ 

ސައިކަލް ޕާކު ކުރަން ހިއްކައިގެން ހެދި ސަރަހައްދު

މި ތަނުގެ ބޭނުން މިއަށްވުރެ ފުރިހަމައަށް ހިފޭނެ ގޮތެއް ނެތީ ހެއްޔެވެ؟ ދުނިޔޭގެ ރީތި ސިޓީތަކަށް ޒިޔާރަތް ކުރާ މީހުނަށް ބޭނުންވާ ވަސީލަތް އެ ސިޓީގައި ހުރެ އެވެ. ނަމަވެސް ފޯނުގެ ދުނިޔޭގައި އެޕަލްފަދަ އަގުބޮޑު ޓޫރިޒަމްގެ ދުނިޔޭގެ "ދިވެހިރާއްޖޭގެ" ވެރިރަށަށް އަރާ މެހުމާނަކަށް އެންމެ ކުޑަމިނުން އަގުދީގެން ފާހާނާ ކޮށްލެވޭނެ ފާހާގަނޑެއްވެސް ނެތެވެ. މީގެ ކުރިން މަސްވެރިންގެ ޕާކުގައި "ކްރޫޒްލައިން ޓާމިނަލް" ގެ ނަމުގައި 18 މިލިއަން ހަރަދުކޮށްގެން "ތަނެއް" ހެދި އެވެ.
ޖަންގްޝަން ނުބައި ވަސް މައްޗަށް އަރާ ހޮޅިއެއްގެ ބުޑުގައި ހެދި އެތަން އެ ދުވަސްވަރު މަޝްހޫރު ކުރީ "ކްރޫޒްލައިން ޓާމިނަލް"އެއްގެ ގޮތުގަ އެވެ. ނަމަވެސް އެތަނުން ލިބުނު ފަސޭހައެއް ވީމޮޅެއް ހަރާމެވެ. ކޮންމެ އަހަރު ކްރޫޒްލައިން ތަކުން މިލިއަނުން ވައިސާ ވަނަސް މި އުޅަނދުތަކުން އަންނ މީހުން ފާހާނާކޮށްލަން ވަންނަން ޖެހެނީ ފުލުސް އޮފީހަށް ނޫނީ ފިހާރައެއް ފާހާނާ އަށެވެ. ފުރަންދާ މީހާ ދެ ސައިކަލް ދެމެދުން ފޮށި ދަމަމުން ފޮށީގެ އަތްގަނޑު ނައްޓާލައިގެން ކޮނޑުހުޅަށް ދަތި އަރުވާލައިގެން ގޮސް އިންނަން ޖެހެނީ ބީއެމްއެލް ކުރިމަތީގަ އޮންނަ ކުޑަ ގަހެއްގެ ބުޑުގައި ކޮކާ އަވީގަ އެވެ.

އެކަމަކު މިހާރު ހަމައެކަނި ސައިކަލް ޕާކިންއަށް ހަދާ ސަރަހައްދު އެންމެ ކުޑަމިނުން ތިން ބުރިއަށް ހެދިނަމަވެސް މި ހުރިހާ މައްސަލައެއްގެ ހައްލު ލިބުނީ އެވެ. އޭރުން ސައިކަލް ޕާކު ކުރަން ދެ ބުރި ދިނަސް އިތުރު ވަސީލަތް ގާއިމް ކުރެވޭނެ އެވެ. ފަސޭހައިން ވަދެ ނުކުމެވޭނެހެން މަގެއް ހިމަނައިގެން 1،000 ސައިކަލަށް ޕާގަ ލިބޭނެ އެވެ. މިއީ ޕާކިން ވެސް ޑަބަލް ވެގެންދާނެ ކަމެކެވެ. މީގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓް އާއި ގްރީން އޭރިއާއެއް ހިމެނޭހެން މިތަން ތަރައްގީ ކޮށްލެވިދާނެ އެވެ. ތިން ބުރިއަށް ނަގަން ދަތިވާނަމަ ޕްރީފެބް މެޓީރިއަލްއެއް ބޭނުންކޮށްގެން ދެ ބުރި އަށް ވެސް ހަދާލެވިދާނެ އެވެ. މިގޮތަށް ހަދައިފިނަމަ މިހާރު ސައިކަލް ޕާކު ކުރަން ހަމައެކަނި ހެދި ސަރަހައްދުގައި އިތުރު ވަސީލަތްތައް ގާއިމް ކުރެވޭނެ އެވެ.

މަތީގައި ފުރިހަމަ ފެހި ރީތި ޕާކެއް ވެސް ހެދިދާނެ އެވެ. ލަފާ ފުރަން އަންނަ މީހުން ހިތްހަމަ ޖެހިލައިގެން ތިބެލެވޭނެ ތަނަވަސް ޖާގަ ވެސް އޮންނާނެ އެވެ. އޭރުން އެތަނުގައި ކެއިން ބުރިމުގެ ވަސީލަތްވެސް ލިބޭނެ އެވެ. ފާހާނާކޮށްލެވޭނެ ގޮތް ވެސް އޮންނާނެ އެވެ. ޔަގީނުން ވެސް މި ތަނަކީ ވިޔަފާރީގެ ގޮތުން ވައިބަލް ދެކޮޅު ޖެހޭނެ ތަނަކަށް ވާނެ އެވެ. ހަމައެކަނި މި ވިއު ވިއްކައިގެން ވެސް މިތަން ހިންގޭނެ އެވެ. އުޅަނދެއް ލަފާ ނުފުރިއަސް އެހެން ވަގުތުތަކުގައި ވެސް މިތަނަށް އެތަށް ބަޔަކު ވަންނާނެ އެވެ. މިތަން ހަދަންވީ ބާސެލޯނާއިން ފެނުނު ފަދަ އިމާރާތެއްގެ ސިފައިގަ އެވެ. އެ ވަސީލަތްތަކާއެކުގަ އެެވެ. ހަމައެކަނި އެންމެ 500 ސައިކަލް ޕާކު ކުރަން މި ޕްރިމިއަމް ސަރަހައްދު ދޫކޮށްލުން ބުއްދިވެރިއެއް ނޫނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.