މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން (1,020,134 މިލިއަން ޑޮލަރު) ނުވަތަ 15 މިލިއަން ދިވެހި ރުފިޔާ ދިނުމަށް ނިންމާފަ އެވެ.

ޖަޕާނުން ދިވެހިރާއްޖެއަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސްކޮލަރޝިޕް މަޝްރޫޢުއަށް 152 މިލިއަން ޖަޕަނީސް ޔެން ހިލޭ އެހީގެ ގޮތުގައި ދީފި އެވެ.
ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭ.ޑީ.އެސް)ގެ ދަށުން 2026 ވަނަ އަހަރަށް ދެއްވުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ފުރުސަތު ދެއްވައި، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން (1,020,134 މިލިއަން ޑޮލަރު) ނުވަތަ 15 މިލިއަން ދިވެހި ރުފިޔާ ދިނުމަށް ނިންމާފަ އެވެ.
މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެއްވަމުން ގެންދަވާ މިއެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބިގެންދެއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖުތިިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިއްމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.
މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން ދަސްވެނިވެފައިވާއިރު، މިހާރު ޖަޕާނުގައި 9 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ސިވިލް ސަރވިސް ކޮމިޝަން، ޖަޕާނުގެ އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ