ބީއެމްއެލް އާއި އެސްއެމްއީ އިން ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން

އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޕްރޮސެސްކޮށް ނިންމައި، އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޔޫތު އޮންޓްރަޕްރިނަސް އެކްސްޕޯގައި ބީއެމްއެލް އެމްޑީ ވާހަކަ ދައްކަވަނީ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން" ތަޢާރަފުކޮށްފި އެވެ.

ބާސެލާސް ނަސަންދުގެ ހޮޓެލްގައި މިއަދު ފެށި "ޔޫތު އޮންޓްރަޕްރިނަސް އެކްސްޕޯ" ގައި މި ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި ނެގޭ ގޮތަށް ހުޅުވާފައިވާ ފުރުސަތެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭ މި ފެސިލިޓީއަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެކެވެ.

އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޕްރޮސެސްކޮށް ނިންމައި، އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ލިބޭނެއެވެ. ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މި ފެސިލިޓީ އިފްތިތާހުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކް ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.

"އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި އެއް ބިލިއަން ރުފިޔާގެ ފައިނޭންސިންގ ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ."


އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވީ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ މެދުވެރިކޮށް، 24 ގަޑިއިރު ތެރޭގައި ލޯނު އެޕްރޫވްކޮށް، ފަސޭހަކަމާއެކު ފައިސާ ދޫކުރެވިގެންދާނެ އެވެ. އަދި މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ޚިޔާލުތައް ލަސްކަމެއް ނެތި ހަގީގަތަކަށް ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެ އެވެ.

" ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވިޔަފާރި ފެށުމަކީ ފަސޭހަ ކަމަކަށް ހަދައި، އައު ޖީލުގެ ވިޔަފާރިވެރިން އިތުބާރާއެކު އެމީހުންގެ ވިޔަފާރީގެ ދަތުރު ފަށައިދިނުމަށް،" ބަދުރު ވިދާޅުވި އެވެ.

މި ފައިނޭންސިން އަކީ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އައު ޖީލުގެ ވިޔަފާރިވެރިންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ރަމްޒެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.