އެ ކުންފުނިން ބުނީ "އެމްވީ ސެލެސްޓިއާ" ނަމަކަށް ކިޔާ ޖެނެރަލް ކާގޯ ބޯޓަށް ކޮންޓޭނަރު ބަރުކުރުމުގެ އޮޕަރޭޝަން ތިލަފުށީ ބަނދަރުގައި ކާމިޔާބުކަމާއެކު ވަނީ ކޮށްފަ އެވެ.

މާލެ ވިޔަފާރި ބަނދަރަށް އަންނަ ހުސްކޮންޓެއިނަރުތައް ބަހައްޓަން ތިލަފުށީގައި ހެދި އެމްޕްޓީ ކޮންޓޭނާ ޑީޕޯގެ މަސައްކަތް އެ ކުންފުނިން ފުޅާކޮށްފި އެވެ.
ރާއްޖޭގެ އިގްތިސޯދު ފުޅާވަމުންދާ ވަރަކަށް މާލެ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓެއިނާގެ އަދަދު އިތުރުވަމުންދާތީ ހުސްކޮޓެއިނަރު ބަހައްޓަން އެމްޕީއެލްއިން ޔާޑެއް ހެދީ 2025 ގަ އެވެ. އެގޮތުން ތިލަފުށީގައި ޤާއިމްކުރެވުނު "އެމްޕްޓީ ކޮންޓޭނާ ޑީޕޯ"ގެ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން މި ކުންފުނީގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ދަނީ ބޭނުންކުރަމުންނެވެ.
އެމްޕީއެލް އިން އެންމެ ފުރަތަމަ އެމްއެސްއެސްގެ ބޯޓު ފަހަރަށް ހަމައެކަނި ހިދުމަތް ދިން ނަމަވެސް މިހާރު ވަނީ އެހެން ބޯޓުފަހަރަށްވެސް މި ހިދުމަތް ދޭން ފަށާފަ އެވެ. އެ ބަނދަރުން ހުސްކޮންޓެއިނަރު އާގު ބޯޓުތަކަށް އަރުވަން ވަނީ ފަށާފަ އެވެ.
އެ ކުންފުނިން ބުނީ "އެމްވީ ސެލެސްޓިއާ" ނަމަކަށް ކިޔާ ޖެނެރަލް ކާގޯ ބޯޓަށް ކޮންޓޭނަރު ބަރުކުރުމުގެ އޮޕަރޭޝަން ތިލަފުށީ ބަނދަރުގައި ކާމިޔާބުކަމާއެކު ވަނީ ކޮށްފަ އެވެ. މި އޮޕަރޭޝަނުގައި 24 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެ ބޯޓަށް ޖުމްލަ 372 ޓީއީޔޫ ގެ ކޮންޓޭނަރު ވަނީ ބަރުކޮށްފައެވެ. މިއީ ބަނދަރުގެ ހިދުމަތްތައް އަވަސްކޮށް، ކާގޯ ކްލިއަރެންސްގެ ފެންވަރު ރަނގަޅު ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބގެންދާނެއެވެ.
އެހެން ނަމަވެސް، ބަނދަރުގެ ޖާގައިގެ ދަތިކަމަކަށް ފުރިހަމަ ހައްލެއް ލިބޭނީ މިހާރު ރޭވިފައިވާ ގޮތަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުންނެވެ. ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުގެ މަސައްކަތްތައްވެސް މި ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފައެވެ.
ސީ.އެޗް.އީ.ސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މި ސަރވޭތައް ފުރިހަމަކޮށްފައިވާ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށެވެ. މިހާރު ކުރިއަށްދަނީ "ޖިއޯ ޓެކްނިކަލް" ސަރވޭގެ މަސައްކަތްތަކެވެ.
މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމް.ޕީ.އެލްގެ ޓީމުތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރައްވާނެ ކަަމަށް ވިދާޅުވުމެވެ. އެމް.ޕީ.އެލްގެ އަމާޒަކީ 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް، ޚިދުމަތް ދޭން ފެށުމެވެ.