އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް ތަސްދީގު ނުކޮށް ފޮނުވާލި މައިގަނޑު ސަބަބު ހައްލުކޮށް، ގައިދީންނަށް ގުނަވަން ހަދިޔާނުކުރެވޭ ގޮތަށް އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް ތަސްދީގު ނުކޮށް ފޮނުވާލި މައިގަނޑު ސަބަބު ހައްލުކޮށް، ގައިދީންނަށް ގުނަވަން ހަދިޔާނުކުރެވޭ ގޮތަށް އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ފާސް ކުރި ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ބެހޭ ބިލް އަނބުރާ ފޮނުވާލައްވައި، މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ ބިލް ފޮނުވި އިރު އެކަން ކުރެވޭނެ މީހުންގެ ޝަރުތެއްގެ ގޮތުގައި ކުށެއްގެ ތުހުމަތުގައި ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމަނާފައިވާ ކަމަށެވެ.
ސަބަބަކީ މަޖުބޫރު ކަމެއް ނެތި ރުހުމާއެކު ގުނަވަން ހަދިޔާ ކުރުމުގެ ޝަރުތަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ބަލައިގެންފައިވާ މައިގަނޑު އެއް ޝަރުތު ކަމަށާއި އެ ޝަރުތު އެންމެ ފުޅާ މިނުގައި ތަންފީޒު ކުރުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހްތިޔާރާއި މިނިވަންކަމުން ގައިދުވެ ހާއްސަ ހާލަތެއްގައި ތިބޭ ބައެއް ކަމަށާއި އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު އެއްވެސް ކަހަލަ މަޖުބޫރު ކަމެއް ނެތި ގުނަވަނެއް ހަދިޔާ ކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ބެލެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމާ މެދު އަލުން މަޝްވަރާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލަށް ބަދަލު ގެނައީ ގައިދީންނަށް ގުނަވަން ހަދިޔާ ކުރުން މަނާކުރުމަށެވެ.
މިހާރު ބިލުގައި ބުނެފައިވާ ގޮތުން ގުނަވަން ހަދިޔާކުރާ މީހާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވަތަ ކުށުގެ ތުހުމަތުގައި ހުރި މީހެއް ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުގައި ވެގެން ނުވާނެ އެވެ.
ކޮމިޓީން ބިލަށް ގެނައި އިސްލާހުތަކަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގައި މިއަދުގެ ޖަލްސާގައި ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓާ އެކު އެވެ.