ސްކޫކް ދެއްކީ ކުރިން ބުނި ގޮތަކަށް ނޫން : އަމީރު

އަމީރު ވިދާޅުވީ ސްކޫކް ދެއްކުމުގައި ސަރުކާރުން ފެއިލްވެފައިވާ ކަމަށާ ސްކޫކް ދެއްކީ އެތެރެއިން ފައިސާ ނަގައިގެން ކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ފޮޓޯ: ދެން

ބޮޑު ދަރަނި ނުދެއްކޭނެ ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް ސަރުކާރުން 500 މިލިއަން ޑޮލަރު ދައްކާ ހަލާސް ކުރުމުން އެކަން ކުރީ ކުރިން ބުނި ގޮތަށް ނޫން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ޕްރެޒެންޓޭޝަނެއް ދެއްވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ސްކޫކް ސަރުކާރުން މެނޭޖުކުރީ ކުރިން ބުނިގޮތަށް ނޫން ކަމަށެވެ.

"ސްކޫކް މެނޭޖު ކުރުމުގައިވެސް އަޅުގަނޑުމެންނަށް މި ފެނުނީ ސަރުކާރުގެ ޕްލޭން އެއްކޮށް ތޮޅިއަށް ދިޔަތަން. ބަޖެޓުގައި ހިމަނާފައިވާ ގޮތަކަށް ނޫން ސްކޫކް ފައިނޭންސް ކުރީ. ބަޖެޓުގައި ހިމަނާފައިވަނީ ބަޖެޓު ސަޕޯޓް (އެކުވެރިކަންގެ ގާތުގައި އެދިގެން) ހަތް ބިލިއަން ރުފިޔާ ހޯދާނެ ކަމަށް. ބޮންޑް އަދި ސްކޫކް ވިއްކައިގެން ސްކޫކް ރިފައިނޭންސް ކުރަން 6.9 ބިލިއަން ހޯދާނެ ކަމަށް. އެކަމަކު މީގެ އެއްވެސް ފައިސާއެއް ނުހޯދޭ،" އަމީރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މީގެ ސަބަބުން ސަރުކާރަށް މަޖުބޫރު ވެގެން ދިޔައީ އެތެރޭގެ މާކެޓުގައި ހުރި ހުރިހާ ޑޮލަރެއް އަމިއްލަ ފަރުދުންނާއި ބޭންކްތަކުގައި ހުރި ޑިޕޮސިޓްވެސް ނަގައިގެން ސްކޫކް ދައްކަން ކަމަށެވެ. 

ރާއްޖޭން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި ނުދެއްކި "ބަނގުރޫޓުވާނެ" ކަމަށް ތާއަބަދު ދައްކަމުން ދިޔަ ވާހަކަ ހުއްޓިގެން ގޮސްފައިމިވަނީ ސަރުކާރުން މި ދަރަނި އެއް ފަހަރާ އަދާކުރުމުންނެވެ. މިކަންކޮށްފައިވަނީ ފަހަށް ރައްކާކުރާ ފަންޑް ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އާއި ރާއްޖޭގެ ޔޫޒަބަލް ރިޒާވުން ފައިސާ ނަގައިގެންނެވެ. މި ދަރަނި ދެއްކުމާ ބެހޭ ގޮތުން ފިނޭންސުން ބުނެފައިވާ ގޮތުގައި މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި ރައީސް ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. 

މި ސުކޫކަކީ ދުނިޔޭގެ އިޤްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަންވެސް މާލީ ވުޒާރާއިން ފާހަގަކުރިއެވެ. އަދި 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިޤްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން ދަރަނި އަދާކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.

ފިނޭންސް އިން ބުނީ މިގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ އެސްޑީއެފް ފަންޑަށް ބޭރު ފައިސާ ޖަމާކުރަން ފެށުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ސަރުކާރުން ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ބަދަލު ގެނެސް، ފަންޑަށް ވަންނަ ފައިސާ އިތުރުކޮށްފަ އެވެ. މި ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހިންނަށް އެއްވެސް ބުރައަކަށް ނުވާނޭ ގޮތުގެ މަތިންނެވެ.

މި ފިޔަވަޅުތަކާއެކު އެސްޑީއެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވް މިދިޔަ މަސް ނިމުނުއިރު، މިހާރު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ މަތިވި ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.