ގަތަރު ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް ވަނީ ގަތަރަށް ވަޑައިގެންފަ އެވެ.

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އިހްތިރާމް އަދާކުރެއްވުމަށް، ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގަތަރަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު އިއްޔެ އަވަހާރަވުމާ ގުޅިގެން، ގަތަރުގެ މިހާރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލް ސާނީ އަށާއި އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށާއި އެ ބޭފުޅުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގަތަރު ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް ވަނީ ގަތަރަށް ވަޑައިގެންފަ އެވެ.
ޝައިހު ހަމަދަކީ ޒަމާނީ ގަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާ އެވެ. އޭނާ ވަނީ 1995 އިން 2013 އަށް ގަތަރުގެ ވެރިކަން ކުރައްވައި، އެ ގައުމަށް އާދަޔާ ހިލާފު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައިފަ އެވެ.