ސަރުކާރުގެ ޖުމްލަ ސެކިއުރިޓީސްގެ ބޮޑުބައެއް ހިއްސާކުރަނީ އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަންޏެވެ. އެގޮތުން ޑޮމެސްޓިކް އިންސްޓްރޫމެންޓްސްގެ ގޮތުގައި 95.9 ބިލިއަން ރުފިޔާ ބާކީ ހުރި ކަމަށް ދައްކަ އެވެ.

ސަރުކާރުން ބޭންކުތަކާއި މާލީ އިދާރާތަކަށް ދައްކަންޖެހޭ ސެކިއުރިޓީސްގެ އައުޓްސްޓޭންޑިންގްގެ ޖުމްލަ އަަދަދު 100 ބިލިއަން ރުފިޔާއަށްވުރެ މަތިވުމަށްފަހު، 97.4 ބިލިއަން ރުފިޔާ އަށް ވެއްޓިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ބޭރުގެ ބާޒާރުން ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން މިއަހަރުގެ ކުރީކޮޅު (އޭޕްރީލް މަހު) މުއްދަތު ހަމަވި 500 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑު ސަރުކާރުން ފުރިހަމައަށް ދައްކާ ހަލާސް ކުރުމެވެ. ފައިނޭންސް ހިސާބުތައް ދައްކާ ގޮތުން ބޭރުގެ ދަރަނީގެ ގޮތުގައި މިހާރު ބާކީ ހުރީ އެންމެ 1.5 ބިލިއަން ރުފިޔާ (ބޭރުގެ ބޮންޑު) އެކަންޏެވެ.
ނަމަވެސް މިއީ ހިތް ހަމަޖެހުމެއް ނޫން - މި ހިސާބުތައް ދައްކާ ގޮތުން ސަރުކާރުގެ ޖުމްލަ ސެކިއުރިޓީސްގެ 55% އަށްވުރެ ގިނަ ބަޔަކީ އެއް އަހަރު ދުވަހުގެ ތެރޭގައި މުއްދަތު ހަމަވާ ކުރު މުއްދަތުގެ ޓީ-ބިލްތަކަށް ވާތީ، ކުރިއަށް އޮތް ތަނުގައިވެސް މި ދަރަނިތައް ރޯލްއޯވާ ކުރުމަށް ނުވަތަ އަލުން އާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭންޖެހޭނެ އެވެ.
ސަރުކާރުގެ ޖުމްލަ ސެކިއުރިޓީސްގެ ބޮޑުބައެއް ހިއްސާކުރަނީ އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަންޏެވެ. އެގޮތުން ޑޮމެސްޓިކް އިންސްޓްރޫމެންޓްސްގެ ގޮތުގައި 95.9 ބިލިއަން ރުފިޔާ ބާކީ ހުރި ކަމަށް ދައްކަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ދިވެހި ރުފިޔާގެ ޓީ-ބިލް އެވެ. ޓީ-ބިލްގެ ޖުމްލަ އަދަދު 44.6 ބިލިއަން ރުފިޔާއަށް އަރާއިރު، މީގެ ބޮޑުބައި ގަނެފައިވަނީ ވިޔަފާރި ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކުންނެވެ. މީގެ އިތުރުން، ދިގު މުއްދަތުގެ ދަރަނީގެ ގޮތުގައި ހިމެނޭ ދިވެހި ރުފިޔާގެ ޓީ-ބޮންޑުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ އަދި ޑޮލަރު ޓީ-ބޮންޑުގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ބާކީ އެބައޮތެވެ. މީގެ ތެރެއިން 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތުގެ ބޮންޑުތަކުގެ ބޮޑުބައެއް ހުރީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގަ އެވެ.
މި ދަަރަނީގެ ތެރޭން އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތުގެ ދަރަނި ގާތްގަނޑަކަށް 53,921.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހުރީ ސީދާ އެއް އަހަރުގެ މުއްދަތުގެ ދަަރަންޏެވެ. މި ދަރަނީގެ އަދަދު 41,389.6 ބިލިއަނަށް އަރަ އެވެ. މީގެ އިތުރުން އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތުގެ ދަަރަނީގެ ޖުމްލަ ހުރީ 23,594.7 ބިލިއަން ރުފިޔާގަ އެވެ. އަދި 15-20 އަހަރަށްވުރެ ދިގު މުއްދަތުގެ ދަރަނި ހުރީ 21,327.4 ބިލިއަން ރުފިޔާގަ އެވެ. މީގެ ތެރޭގައި މުޅިންވެސް ހިމެނެނީ ދިވެހި ރުފިޔާގެ ޓީ-ބޮންޑުތަކެވެ.