ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް މިދިޔަ މަހު ވަނީ ޖަމާކޮށްފަ އެވެ.

ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.
މޯލްޑިވްސް ޒަކާތު ފަންޑުން ބޯންމެރޯ ހެދުމަށް ފޮނުވަނީ، މާލީގޮތުން ގާބިލުކަން ނެތް ތެލެސީމިއާ ކުދިންނެވެ.
ޒަކާތު ހައުސްއިން ބުނީ މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕު ކަމަށެވެ.އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
ޒަކާތު ހައުސްއިން އިތުރަށް ބުނީ ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް މިދިޔަ މަހު ވަނީ ޖަމާކޮށްފައިވާ ކަމަށެވެ.
މި އެހީ ފޯރުކޮށްދީފައި ވަނީ 2024 ވަނަ އަހަރު އިސްލާމިކް އެފެއާޒް އާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއެއްގެ ދަށުންނެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިންވެސް، 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ޒަކާތު ފަންޑުން ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައެ ވެ.
ބޯންމެރޯ ހެދުމަށް މިއަހަރުގެ ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި، ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އިމްތިތާއު އައްބާހާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބަދުއްރައްޒާގު ހަލީމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.