އަންނަ އަހަރާއި 2029 ގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި

ފިނޭންސުން ބުނީ ސުންގަޑިއަށް ބޭސްލައިން ބަޖެޓު ނުފޮނުވާ އިދާރާތަކުގެ ބަޖެޓުތައް ތައްޔާރުކުރުމުގެ އިޚްތިޔާރު ފިނޭންސް މިނިސްޓްރީ އަށް ލިބޭނެ އެވެ.

މިދިޔަ އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓް ފޮތް

އަންނަ އަހަރާއި 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ އޮފީސްތަކުން ބަޖެޓު ތައްޔާރުކުރަންވާނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓު ސީލިން އަށްވުރެ ބޮޑު ނުވާނޭހެން، އަދި ސަރުކާރުން ނިންމާފައިވާ ޕޮލިސީ އިނީޝިއޭޓިވްސްތަކުގެ ބަޖެޓާ ވެސް އެކުގަ އެވެ. ކަނޑައެޅިފައިވާ ސުންގަޑިއަށް ބޭސްލައިން ބަޖެޓު ނުފޮނުވާ އިދާރާތަކުގެ ބަޖެޓުތައް ތައްޔާރުކުރުމުގެ އިޚްތިޔާރު ފިނޭންސް މިނިސްޓްރީއަށް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. 

މެދުރާސްތާގެ ބަޖެޓުގެ މުހިންމު އަމާޒުތައް

  • ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން މެދުރާސްތާގައި ކަށަވަރުކުރުން.
  • ދައުލަތުގެ ޚަރަދުތައް އެފިޝަންޓްކޮށް، ކުރާ ޚަރަދާއި ބައްދަލު ނަތީޖާއެއް ކަށަވަރުކުރުން.
  • ދައުލަތުން ފޯރުކޮށްދޭ އަސާސީ އަދި އިޖުތިމާއީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން.
  • ދައުލަތުން އިޖުތިމާއީ ރައްކާތެރިކަން ކުރިއަރުވަން ފޯރުކޮށްދޭ އެހީ ދިނުމުގައި މުޖުތަމައުގައި ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދިނުން.
  • ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން.

ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުގައި މުވައްޒަފުންނަށް ހިނގާ ހަރަދު ހިމަނަންވާނީ މިމަހުގެ ނިޔަލަށް ހިނގަމުންދާ މަގާމުތަކާއި ހުއްދަ ލިބިފައިވާ މަގާމުތަކަށް އެކަންޏެވެ. އިތުރުގަޑިއާއި އެލަވަންސްތައް ބަޖެޓުކުރަންވާނީ މިހާރުވެސް ޚަރަދު ހިނގަމުންދާ ރޭޓުގަ އެވެ. އަދި އަހަރުގެ ތެރޭގައި ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް އެންމެ ޚަރަދުކުޑަ ގޮތަކަށް ޕްލޭންކޮށްގެން ބަޖެޓުގައި ހިމެނުމަށެވެ. އަދި އާންމު ބަޖެޓުން އެއްކޮށް ޚަރަދުކޮށްގެންދާ ދަތުރުތައް ނުހިމެނުމަށް ވަނީ އަންގާފަ އެވެ.

އެ މިނިސްޓްރީން ބުނީ މީގެ އިތުރުން ވަކިވަކި އިދާރާތަކުގެ އެތެރޭގައި ބާއްވާ އަހަރީ ޖަލްސާ ފަދަ ކަންކަމަށް ބަޖެޓު ނުކުރުމަށާއި، ކޮންމެހެން ބާއްވަންޖެހޭ ޖަލްސާތައް ވެސް ޚަރަދުކުޑަ ގޮތްގޮތަށް ރޭވުމަށް އިރުޝާދު ދީފައިވެ އެވެ.
އަދި ޚިދުމަތްތައް މެދުކެނޑުނަ ނުދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތަކާއި، އިދާރާ ހިންގުމަށް ކޮންމެހެން ބޭނުންވާ ހަރުމުދަލަށް އެކަނި ބަޖެޓުކުރުމަށެވެ. މީގެ އިތުރުން އެ އޮފީހަކަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކަށް ބަޖެޓު ވަކިވަކިން ބައިކޮށް އަންދާޒާކުރަން ޖެހޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.