އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ދިޔަވެގެން އަޑިއަށްދާން ފަށާފައި ވަނީ ވ. ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ދިޔަވެގެން އަޑިއަށްދާން ފަށާފައި ވަނީ ވ. ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ބޯޓު ދަތުރުކުރަމުން ދިޔައީ މާލެއިން ތިނަދޫ އަށެވެ.
އަދި އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް އެ ސަރަހައްދަށް މިހާރު ދަތުރުކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެ ބޯޓުގައި ތިބި މީހުން، "ވިލާ ދުވެލި" ކިޔާ ލޯންޗަކަށް ވަނީ ނަގައިފަ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ބޯޓުގެ ބައެއް ތަކެތި އެ ސަރަހައްދުން އޮޔާ ދަމުންދާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
"މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށާއި އަދި، މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ، މި ކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ދަންނަވަން،" އެމްއެންޑީއެފުން ބުންޏެވެ.