ކުރީ އަހަރު ރާއްޖޭގެ މަޝްރޫއުތަކަށް ޖުމްލަ 28.43 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 434 މިލިއަން ރުފިޔާ) ދޫކޮށްފައިވާއިރު، މިދިޔަ އަހަރު އެ ބޭންކުން ދޫކުރި އަދަދު ވަނީ 17.78 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 272 މިލިއަން ރުފިޔާ) އެވެ.

އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މިދިޔަ އަހަރު ރާއްޖެއަށް ދޫކުރި ފައިސާގެ ނިސްބަތް ކުރީ އަހަރަށްވުރެ 37 ޕަސެންޓް ދަށްވެފައިވާ ކަމަށް ދައްކައިފި އެވެ.
އޭޑީބީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2024 ވަނަ އަހަރު ރާއްޖޭގެ މަޝްރޫއުތަކަށް ޖުމްލަ 28.43 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 434 މިލިއަން ރުފިޔާ) ދޫކޮށްފައިވާއިރު، މިދިޔަ 2025 ވަނަ އަހަރު ބޭންކުން ދޫކުރި އަދަދު ވަނީ 17.78 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 272 މިލިއަން ރުފިޔާ) އަށް މަދުވެފަ އެވެ. މިއީ ގާތްގަނޑަކަށް 10.65 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
ފައިސާ ދޫކުރި މިންވަރު އެންމެ ބޮޑަށް ދަށްވެފައިވަނީ ލޯނު އެހީގެ އަދަދުތަކުންނެވެ. މިގޮތުން 2024 ވަނަ އަހަރު ލޯނުގެ ގޮތުގައި 13.18 މިލިއަން ޑޮލަރު ދޫކުރި ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 55.84 ޕަސެންޓް ދަށްވެ، 5.82 މިލިއަން ޑޮލަރު މަދުވެފަ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ދޫކުރި ފައިސާ ވެސް ވަނީ 15.25 މިލިއަން ޑޮލަރުން 11.96 މިލިއަން ޑޮލަރު ، ގާތްގަނޑަކަށް 21.57 ޕަސެންޓް ދަށްވެފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް އަލަށް ކަނޑައެޅުނު ޖުމްލަ ކޮމިޓްމަންޓްތަކުގެ އަދަދަކީ 2.02 މިލިއަން ޑޮލަރެވެ. މިއީ މުޅިންވެސް ފަންނީ އެހީގެ ގޮތުގައި ދިނުމަށް އެއްބަސްވި ފައިސާ އެވެ. މީގެ ތެރެއިން 2.01 މިލިއަން ޑޮލަރު ޕަބްލިކް ސެކްޓަރަށް ކަނޑައެޅުނުއިރު، ޕްރައިވެޓް ސެކްޓަރަށް ކަނޑައެޅުނީ 0.01 މިލިއަން ޑޮލަރެވެ.
އާ މަޝްރޫޢުތަކަށް ފައިސާ ކަނޑައެޅުނު މިންވަރު މަދުވި ނަމަވެސް، ކުރިން ސޮއިކޮށް ހިނގަމުންދާ މަޝްރޫއުތަކުގެ ދަށުން ރާއްޖޭގެ ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނަށް ލިބުނު ޕްރޮކިއުމަންޓް ކޮންޓްރެކްޓްތަކުގެ އަގު ވަނީ ބޮޑުތަނުން ވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 1.91 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓް އެވޯޑްކުރިއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 74.87 ޕަސެންޓް އިތުރުވެ، 3.34 މިލިއަން ޑޮލަރަށް އަރާފަ އެވެ.