އަލިފާން ރޯވެފައި ވަނީ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތަކާއި މ. ސަފާގެ އާއި ގ. މިތުރުގޭގަ އެވެ.

މާލޭގެ މާފަންނުގައި ހުރި ދެ ގެއަކާއި ގަލޮޅުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާން ރޯވެފައި ވަނީ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތަކާއި މ. ސަފާގެ އާއި ގ. މިތުރުގޭގަ އެވެ.
ފުލުހުންނާއި އެމްއެންޑީއެފުން ބުނެފައި ވަނީ ދެ ގޭގައި ރޯވި އަލިފާންވެސް މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތަކީ މީހުން ދިރިއުޅޭ ތަނެއް ނޫނެވެ. އަލިފާން ކޮންޓްރޯލް ކުރެވުނު ނަމަވެސް އެތަނުގައި ގުދަންކޮށްފައި ހުރީ ފޮތި ރޯލު ކަމުން، އަދިވެސް ބޯކޮށް ދުން ދަނީ އަރަމުންނެވެ.
އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ އިމާރާތާ އިންވެގެން ހުރި އިމާރާތުގައި އުޅޭ 10 ބިދޭސީން ވަގުތީ ގޮތުން ނެރެފައިވާ ކަމަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުންޏެވެ.

މިއަދުނު 8:40 ހާއިރު ގ. މިތުރުގޭގައި އަލިފާން ރޯވެފައި ވަނީ ކޮޓަރިއެއްގެ ގޮދަޑީގަ އެވެ. މި ހާދިސާގައި އެކޮޓަރީގެ އޭސީ ހަލާކުވެފައިވާއިރު، ކޮޓަރިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އެތަނުގެ އަލިފާން ކޮންޓްރޯލް ކޮށްފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ތިންވަނަ އަލިފާނުގެ ހާދިސާ ހިނގި ސަފާ ގޭގައި ރޯވެފައި ވަނީ މިއަދު ހެނދުނު 9:19 ހާއިރު އެވެ. އަލިފާން ރޯވީ އެގޭ ގްރައުންޑް. ފްލޯގައި ހުރި ގުދަނެއްގަ އެވެ. މި ހާދިސާގައިވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.