ޖޫންމަހުގެ ހިސާބުތައް ދައްކާ ގޮތުން ރިޕޯ އެގްރީމެންޓްގެ ދަށުން ވިއްކި ސެކިއުރިޓީޒް ނުވަތަ މާކެޓުން ދިވެހި ރުފިޔާ މަދުކުރުމަށް "މޮޕިން އަޕް އޮޕަރޭޝަން" ނުވަތަ "އޯމޯ" އޮޕަރޭޝަން ވަނީ ވަރުގަދަކޮށްފަ އެވެ.

އިގްތިސޯދުގައި ދިވެހި ރުފިޔާ އިތުރުވިޔަ ނުދޭން މަރުކަޒީ ބޭންކުން ހިންގާ އޯޕަން މާކެޓު އޮޕަރޭޝަންގެ ސަބަބުން ހެޔޮ ފައިދާ ތަކެއް ފެންނަމުންދާ ކަމަށް ދައްކައިފި އެވެ.
އެމްއެމްއޭ އިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮޒިޝަންގެ ޖޫންމަހުގެ ހިސާބުތައް ދައްކާ ގޮތުން ރިޕޯ އެގްރީމެންޓްގެ ދަށުން ވިއްކި ސެކިއުރިޓީޒް ނުވަތަ މާކެޓުން ދިވެހި ރުފިޔާ މަދުކުރުމަށް "މޮޕިން އަޕް އޮޕަރޭޝަން" ނުވަތަ "އޯމޯ" އޮޕަރޭޝަން ވަނީ ވަރުގަދަކޮށްފަ އެވެ. މާކެޓުން ދިވެހި ރުފިޔާ މަދުކުރުމަށް ނުވަތަ އޯޕަން މާކެޓް އޮޕަރޭޝަންސް އަކީ މަރުކަޒީ ބޭންކުތަކުން ބޭންކިން ނިޒާމުގައި ހުންނަ "އެކްސެސް ލިކުއިޑިޓީ" ނުވަތަ އިތުރުވެފައި ހުންނަ އިތުރު ފައިސާ ހިފެހެއްޓުމަށްޓަކައި ހިންގާ މުހިންމު މާލީ ހަރަކާތެކެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން "އޯމޯ" އޮޕަރޭޝަން ހިންގުމުގެ ސަބަބުން ބާޒާރުގައި ހިފެހެއްޓި ފައިސާގެ އަދަދު ވަނީ ދެ ބިލިއަން ރުފިޔާ އިން 2.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ 850 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާފައި ހުރި ދިވެހި ރުފިޔާގެ ބެލެންސް ވަނީ 10.8 ބިލިއަނުން 9.4 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ. މިހެންވުމުގެ މައިގަނޑު ސަބަބަކީ ބޭންކުތަކުގައި ހުރި އިތުރު ފައިސާ ރިޕޯ މާކެޓަށް ނުވަތަ އެހެން އިންވެސްޓްމަންޓްތަކަށް ބަދަލުވެ، ބޭންކިން ނިޒާމުގައި ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި ދިވެހި ރުފިޔާ މަދުވެފައިވުމެވެ.
މީގެ ނަތީޖާ - މި މާލީ ހަރަކާތުގެ ސަބަބުން ބާޒާރުގައި ދިވެހި ރުފިޔާ ގިނަވެއްޖެނަމަ، މުދަލާއި ހިދުމަތްތަކަށް އޮންނަ ޑިމާންޑް މަތިވެ، ތަކެތީގެ އަގު ބޮޑުވެއެވެ. އަދި ފައިސާ މަދުކުރުމުން މާކެޓް ހަމައަކަށް އެޅި، އިންފްލޭޝަން ރޭޓް މަތިވުން ހުއްޓެ އެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވުމާއެކު ބޭންކުތަކާއި ބާޒާރުގައި ދިވެހި ރުފިޔާ އާދަޔާ ހިލާފަށް ގިނަވާނަމަ، ޑޮލަރު ގަތުމަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް މަތިވެ އެވެ. މީގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެއެވެ. ރުފިޔާ "މޮޕް" ކުރުމުން ޑޮލަރަށް އޮންނަ ނުރަސްމީ ފިއްތުންތައް ކުޑަވެ، އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ.
މި ހަރަކާތް ހިންގަން ޖެހޭ ސަބަބު - ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ ބޮޑުތަނުން އިތުރުވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އާމްދަނީ ހުއްޓުމުން ފައިސާ ޗާޕު ކުރުމުންނެވެ. މިކަން އިތުރަށް ގޯސްވީ ހާލަތު ރަނގަޅުވިނަމަވެސް އެކަން ތަކުރާރު ކުރުމުންނެވެ. އެގޮތުން މަރުކަޒީ ބޭންކުން ދޫކުރި އެޑްވާންސްތަކާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ވަގުތީ ސަސްޕެންށޑް ކުރި އެވެ އަދި ސަރުކާރުގެ ޕަބްލިކް ބޭންކް އެކައުންޓްއޯވަޑްރޯ ކުރުމުގެ ޖާގަ މަޖިލީހުން ހޯދި އެވެ. މިގޮތުން 2020 އާއި 2023 އާ ދެމެދު ސަރުކާރުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށްޓަކައި ގާތްގަނޑަކަށް 8.2 ބިލިއަން ރުފިޔާ (ނުވަތަ 534 މިލިއަން ޑޮލަރު) އަލަށް ޗާޕު ކުރި އެވެ.
ޗާޕުކުރި ފައިސާގެ ސަބަބުން އިގްތިސޯދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރާ އަޅާބަލާއިރު %178 އިތުރުވެފަ އެވެ. ފަހުން މި ފައިސާ ވަނީ ތިން ފަހަރެއްގެ މަތިން ދިގު މުއްދަތުގެ ބޮންޑުތަކަކަށް ބަދަލުކޮށް ސެކިއުރިޓައިޒް ކުރެވިފަ އެވެ. މިހާރުވެސް ސަރުކާރުން އެމްއެމްއޭއަށް ދައްކަންޖެހޭ ދިގު މުއްދަތުގެ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބައޮތެވެ.