ހެލްތު މިނިސްޓްރީން ބުނީ މިތަކެއްޗަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ކުރިއަށް ގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ޔުނިސެފުން ފޯރުކޮށްދިން ހަދިޔާއެއް ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އިން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
މި ތަކެތި ހަދިޔާ ކޮށްފައި ވަނީ ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. އަދި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މިތަކެއްޗަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ކުރިއަށް ގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ޔުނިސެފުން ފޯރުކޮށްދިން ހަދިޔާއެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ޕްރޮގްރާމުގެ ދަށުން 5400 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ލެބޯޓްރީ ޓެސްޓްތައް އިތުރު ކުރުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.
ޔުނިސެފުން 28،000 ވެކްސިން ޑޯޒު ހަދިޔާކޮށްފައިވާއިރު، އިންޑިއާ ސަރުކާރުން ވެސް ވަނީ މީސަލްސްގެ 20،000 ވެކްސިން ޑޯޒު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮންޓްރޯން ނުކުރެވޭ ވަރަށް ބަލި ފެތުރިފައި ނުވި ނަމަވެސް، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރައިފަ އެވެ.