މިނިސްޓްރީން ބުނީ، ރާއްޖޭގެ މަންދޫބަކު އީރާނަށް މި ވަގުތު ދަތުރެއް ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީހެއްގައި ސަރުކާރުގެ އިސްބޭފުޅަކު ދަތުރެއް ކުރެއްވުމަށް އީރާނުގެ ސަރުކާރުން ލަފާދީފައިވާ ކަމަށެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވެވުނު ސަބަބު ސާފުކޮށްދީފި އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހާމަނާއީގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ދިނުމާ ގުޅިގެން، ރާއްޖޭގެ ފަރާތުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ ރާއްޖޭން ސައުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ކަމުގައި އިރާނުގެ ސަރުކާރަށް ރަސްމީކޮށް އެންގި ކަމަށެވެ.
ނަމަވެސް، ސަރީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް، ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލު ހަމަޖެހިފައިވާގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް އީރާނުން އެންގި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މި މައުލޫމާތު ލިބުމާ ގުޅިގެން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދިޔުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނުކަމަށް މިނިސްޓްރީން ބުންޏެވެ.
"ތެހްރާންއަށް ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވާ ކަމަށާއި، ސްޓޭޓް މިނިސްޓަރު ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ، ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމުގައިވާތީ އާއި، ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް މި ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް އިރާން ސަރުކާރުން ޝުކުރުއަދާ ކުރައްވާކަން އެންގެވި އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ، ރާއްޖޭގެ މަންދޫބަކު އީރާނަށް މި ވަގުތު ދަތުރެއް ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީހެއްގައި ސަރުކާރުގެ އިސްބޭފުޅަކު ދަތުރެއް ކުރެއްވުމަށް އީރާނުގެ ސަރުކާރުން ލަފާދީފައިވާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ހާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ހާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާނުގެ ޚާރިޖީ ވަޒީރަށް ފޮނުވާފައިވާ ކަމަށެވެ.