އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ މިނިސްޓަރު އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޕިޔޫޝް ގޯޔަލްއާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގަ އެވެ.

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. މި މަޝްވަރާތައް ފަށާފައިވަނީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ މިނިސްޓަރު އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޕިޔޫޝް ގޯޔަލްއާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމެއްގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ދެ ގައުމުގެ ވަޒީރުން ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް ފެށުނުކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ. އަދި ދެ ފަރާތަށްވެސް ފައިދާހުރި ގޮތެއްގައި މި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ދެ ގައުމުން އިލްތިޒާމްވާކަން ވަނީ ތަކުރާރުކޮށްފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ބާޒާރުތަކަށް ފަސޭހައިން ވަދެވުމުގެ ފުރުސަތު ހުޅުވި، ވިޔަފާރީގެ ހުރަސްތައް ނެތިގެންގޮސް، ދެ ގައުމުގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް އާ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އަދި ދެ ގައުމުގެ ސަރުކާރުންވެސް އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް ބޭނުންވާކަން މި މަޝްވަރާތަކުން ރަމްޒުކޮށްދޭ ކަމަށް ބަޔާނުގައިވެއެވެ.
އިންޑިއާގެ ކޮމާސް މިނިސްޓަރުގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި މިނިސްޓަރ ސައީދުގެ އަރިހުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އައިޝަތު އަޒީމާއާއި، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހައިކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި
ރާއްޖޭގެ އުފެއްދުންތަކަށް އިންޑިއާގެ ބޮޑު ބާޒާރުން ފުރުސަތުތައް ހުޅުވިގެންދާނެއެވެ. ދެ ގައުމުން ބޭރުކުރާ އަދި އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ނުވަތަ ޓެރިފްތައް ކުޑަކުރުން ނުވަތަ ކަނޑާލުން ހިމެނެއެވެ. ދެ ގައުމުގެ އިންވެސްޓަރުންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ގާއިމުވެގެންދާނެ އެވެ.