މި އެއްބަސްވުމާއެކު ސީއޭ މޯލްޑިވްސްގެ މެންބަރަކަށް ވުމުގެ ޝަރުތު ހަމަވާ އެލައިޑްގެ މުވައްޒަފުން އެ މުއައްސަސާގެ މެންބަރުންނަށްވުމަށް އެލައިޑް އިންޝުއަރެންސް އިން ހިތްވަރު ދޭނެ އެވެ.

އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު، އެކައުންޓިން ދާއިރާ ކުރިއެރުވުމަށާއި ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ލިބޭ ފައިދާތައް އިތުރުކުރުމަށްޓަކައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
މިފަހުމުނާމާގައި ސޮއިކުރީ އެލައިޑް އޮފީހުގައި މިއަދު އޮތް ރަސް،މިއްޔާތެއްގަ އެވެ.
މި އިސްނެގުމުގެ ދަށުން މައިގަނޑު ގޮތެއްގައި އަހައްމިއްޔަތުކަން ދޭނީ ފަންނީ ތަރައްގީއަށާއި މައުލޫމާތާއި ހުނަރު ބަދަލުކުރުމަށާއި، ދިރާސާކުރުމުގެ އިތުރުން، އެކައުންޓިންގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް ފެތޭ އެކައުންޓިން އުސޫލުތައް ކުރިއެރުވުމަށެވެ. މީގެ އިތުރުން މާލީ ދެފުށް ފެންނަ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށް އެހީއަކަށް ވެގެންދާނެ އެވެ.
މި އެއްބަސްވުމާއެކު ސީއޭ މޯލްޑިވްސްގެ މެންބަރަކަށް ވުމުގެ ޝަރުތު ހަމަވާ އެލައިޑްގެ މުވައްޒަފުން އެ މުއައްސަސާގެ މެންބަރުންނަށްވުމަށް އެލައިޑް އިންޝުއަރެންސް އިން ހިތްވަރު ދޭނެ އެވެ. އަދި ދެ ފަރާތް ގުޅިގެން ގާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކާއި ތަޖުރިބާ ބަދަލުކުރުމާއި ދިވެހި މާކެޓާ ގުޅޭ ދިރާސާ މަޝްރޫއުތައް ކުރިއަށް ގެންދާނެ އެވެ.
މި ފަހުމުނާމާގެ ސަބަބުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި، ލައިސަންސް ހޯދުމަށް ބޭނުންވާ 'ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް' ކަވަރޭޖް ހޯދުމުގައި ހާއްސަ އަގުތަކެއް ލިބުމާއި، ލިޔެކިޔުންތައް ހުށަހެޅުމުގައި ލުއިގޮތްތަކެއް ހަމަޖެހުން ހިމެނެ އެވެ. އަދި ސީއޭ މޯލްޑިވްސްގެ މެންބަރުންނަށާއި ދާއިމީ މުވައްޒަފުންނަށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހާއްސަ އިނާޔަތްތަކަކާއެކު 'ގްރޫޕް ހެލްތު ތަކާފުލް' އަދި 'ގްރޫޕް ޓާމް ލައިފް ތަކާފުލް' ކަވަރޭޖް ލިބޭނެ އެވެ.