"މި ހިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލަންޖެހޭ ގަވާއިދު ގެޒެޓްކޮށް، މި ހިދުމަތް ރާއްޖޭގައި ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މި ސަރުކާރުން ވަމުންދާކަން ދަންނަވާލަން،"

ރާއްޖޭން ބޭރުން ޕޯސްޓްމޯޓަމްގެ ހިދުމަތް ހޯދަމުން އައުން ނިމުމަކަށް ގެނެސް، އެ ހިދުމަތް ރާއްޖޭން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ހާއްސަ ހާލަތްތަކުގައި ޕޯސްޓްމޯޓަމް ހަދަން ޖެހިއްޖެނަމަ މިހާރު ހަށިގަނޑު ފޮނުވަނީ އިންޑިއާގެ ޓްރިވެންޑްރަމަށެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ ޕޯސްޓްމޯޓަމްގެ ހިދުމަތް ދޭ ގޮތަށް ދެވެލް 2 ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާރު ފަށާފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ގާއިމުކުރުމަށްޓަކައި އެފަދަ ހިދުމަތެއްގެ މައުލޫމާތު ގާނޫނެއްގައި ހިމަނާފައި ވަނީ 2015 ވަނަ އަހަރު. އޭގެ ފަހުން މިވީ އަހަރުތަކުގެ ތެރޭގައި ސަރުކާރުތަކެއް ވެސް އަތުވެއްޖެ. އަދި މި ހިދުމަތް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ރާއްޖޭގައި ކުރެވުނު މަސައްކަތެއް ވެސް ކުރީ މި ސަރުކާރުން،" މިނިސްޓަރު ވިދާޅުވި އެވެ.
ފޮރެންސިން ޔުނިޓް ގާއިމްވުމުން، މާލެ ސަރަހައްދާއި މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ހިދުމަތްތަކާއި މެޑިކޯ ލީގަލް ޕޯސްމޯޓަމްގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެންމެ ފުރިހަމަ ފޯރުކޮށްދެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގީލާ ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ބަޖެޓާއި ބިން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލުތައް ހިއްސާކުރައްވާފައެއް ނުވެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ؛
"މި ހިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލަންޖެހޭ ގަވާއިދު ގެޒެޓްކޮށް، މި ހިދުމަތް ރާއްޖޭގައި ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މި ސަރުކާރުން ވަމުންދާކަން ދަންނަވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.